އިންޑިއާ ސަރުކާރުން އެގައުމުގެ 50،000 ހާހަށްވުރެއް ގިނަ ހަނގުރާމަމަތީ ސިފައިން ޗައިނާ ބޯޑަރު ކައިރިއަށް ފޮނުވައިފި އެވެ.
1962 ވަނަ އަހަރު ހިމާލަޔާސްގައި ކުރި ހަނގުރާމައަށްފަހު އިންޑިއާއިން ޗައިނާއާއިއެކު ނުރައްކާތެރި ހަމަލާއެއް ބަދަލުކޮށްފައި ނުވެ އެވެ. އިނގިރޭސީންގެ އަތްދަށުން މިނިވަން ވުމަށްފަހު އިންޑިއާގެ ސްޓްރެޓެޖިކް ފޯކަސް އޮތީ ޕާކިސްތާނަށެވެ. އެގޮތުން ކަޝްމީރު މައްސަލައިގައި މިހާތަނަށް އިންޑިއާއާއި ޕާކިސްތާނާއި ދެމެދު ބޮޑު ތިން ހަނގުރާމައެއް ވަނީ ކޮށްފަ އެވެ.
މަޝްރަހު ބަދަލުވީ އިންޑިއާއާއި ޗައިނާއާއި ދެމެދު އުފެދިފައިވާ ވާދަވެރިކަން އިތުރުވަމުން ދާތީ އެވެ. މިދިޔަ އަހަރު ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ވަނީ ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި މަޝްވަރާތަކެއް ބާއްވައި ކަޝްމީރު ހަމަނުޖެހުއްތައް ހައްލު ކުރުމަށް މަސައްކަތް ފަށައިފަ އެވެ. އެއާއެކު އިންޑިއާގެ ފޯކަސް ޗައިނާއަށް އަމާޒު ކުރާނެ ކަމަށް އޮތީ ލަފާކުރެވިފަ އެވެ.
ވޭތުވެދިޔަ މަދު މަހެއްގެ ތެރޭގައި އިންޑިއާއިން ވަނީ ތިން ސަރަހައްދަކަށް އިންޑިއާގެ ހަނގުރާމަ މަތީ ސިފައިން ފޮނުވައިފަ އެވެ. އޭގެ ތެރޭގައި އިންޑިއާ، ޗައިނާ ގުޅޭ ބޯޑަރު ސަރަހައްދުވެސް ހިމެނެ އެވެ. މިހާތަނަށް ގާތްގަނޑަކަށް އިންޑިއާ ސިފައިންގެ 200،000 އަށްވުރެއް ގިނަ ސިފައިން ވަނީ މިއަހަރު އެކަނިވެސް ފޮނުވައިފަ އެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާ ބަލާއިރު 40 އިންސައްތަ އިތުރު އަދަދެކެވެ.
ޗައިނާ ސިފައިން އެ ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ ކިހާ އަދަދަކަށް ކަމެއް ސާފެއް ނުވެއެވެ. މިކަމާއި ގުޅިގެން މީޑިއާއިން ސުވާލު ކުރުމުން ޗައިނާއިންވެސް އަދި އިންޑިއާ ސަރުކާރުން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.
އިންޑިއާއިން މީގެ ކުރިން ޗައިނާ ބޯޑަރު ސަރަހައްދުގައި މަސައްކަތް ކުރަމުން ދިޔައީ ޗައިނާގެ ހަނގުރާމަމަތީ ބާރުތަކަށް އެއްވެސް ހަމަލާއެއް ނުދެވޭ ވަރަށް ދިފާއު ކުރުމަށެވެ. އިންޑިއާއިން ބާރުތައް އިތުރު ކުރުމާއިއެކު ހަމަލާ ބަދަލު ކުރުމުގެ ފުރުސަތު މިވަނީ އިތުރުވެފަ އެވެ.
ޗައިނާއަކީ ދުނިޔޭގެ އެންމެ އާބާދީ ބޮޑު އަދި މިލިޓަރީގެ ގޮތުން އެންމެ މީހުން ގިނަ ގައުމެވެ. އިންޑިއާ އަކީ ދެވަނައަށް އެންމެ ބޮޑު ހަނގުރާމަމަތި ސިފައިން ތިބޭ ގައުމެވެ. އަދި ދެވަނައަށް ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމުވެސް މެ އެވެ.
އިންޑިއާ އާއި ޗައިނާއާއި ދެމެދު މަޝްރަހު ހޫނުވާން ފެށީ އިގްތިސޯދީ މައްސަލަތަކެއްގަ އެވެ. ޗައިނާއަކީ ދުނިޔޭގެ ދެވަނައަށް އެންމެ ވަރުގަދަ އިގްތިސޯދު އޮންނަ ގައުމެވެ. އެއްވަނައިގައި އޮތީ އެމެރިކާ އެވެ. މި ލިސްޓުގައި އިންޑިއާ ހިމެނެނީ ހަ ވަނައިގަ އެވެ. އިގްތިސޯދު ވަރުގަދަ ކުރުމުގެ މަސައްކަތް އިންޑިއާއިން އިތުރަށް ވަރުގަދަ ކުރަމުން އަންނައިރު އޭޝިއާ ސަރަަހައްދުގައި ބާރު ގަދަ ކުރުމުގެ މަސައްކަތްވެސް ވޭތުވެދިޔަ އަހަރުތަކުގައި އެގައުމުން ވަނީ ފަށައިފަ އެވެ. މިހާރު މި ސަރަަހައްދުގައި ބާރު ގަދައީ ޗައިނާގެ އެވެ.