ސުޕްރީމް ކޯޓު ހިންގޭނެ ގޮތެއް ހަދައިދިނުމަށް އެދި އިބްރާހީމް އިސްމާއީލް (އިބްރާ) ހައިކޯޓަށް މައްސަލަ ހުށަހަޅުއްވައިފި އެވެ.
ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި އިބްރާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑް ކުރުމަކީ އެކޯޓުގައި ތަޅުއެޅުވުން ކަމަށެވެ.
"ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުން ސަސްޕެންޑް ކުރުމަކީ އެކޯޓުގައި ތަޅުއެޅުވުމެވެ. ކުއްލި ނުރައްކަލުގެ ހާލަތު މާދަމާ އިއުލާނު ކުރިއަސް، ރައްޔިތުންގެ ހައްގުތައް ގެއްލޭނެއެވެ. ޤއ (ގާނޫނުއަސާސީ) ގެ ބާރު ދިޔައީއެވެ." އިބްރާ ވިދާޅުވި އެވެ.
އިބްރާ ވިދާޅުވީ ސިޔާސީ ކަންކަމަށް ހައްލު ހޯދާނީ ސިޔާސީ ދާއިރާއިން ކަމަށާއި ގާނޫނުއަސާސީއާ ޖުޑިޝަރީ އުވާލައިގެން ނޫން ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ހުސްނުއްސުއޫދާއި މަހާޒު އަލީ ޒާހިރު އަދި ޑރ. އަޒްމިރަލްދާ ޒާހިރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސަސްޕެންޑްކުރީ މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު އެވެ.
ފަނޑިޔާރުން ސަސްޕެންޑްކުރީ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށްވެސް ޖޭއެސްސީ އިން ވަނީ ބުނެފަ އެވެ.