އެސްޓީއޯ އިން ލޮނުމެދު ރާއްޖެއަށް ގެނެސް ކިލޯއެއް 45 ރުފިޔާއަށް ވިއްކަން ފަށައިފި އެވެ.
އެސްޓީއޯ އިން ލޮނުމެދު ވިއްކަނީ އެ ކުންފުނިން ހިންގާ ޕީޕަލްސް ޗޮއިސްގައި ރީޓެއިލްކޮށެވެ.
ބާޒާރުގައި މިވަގުތު ލޮނުމެދު ކިލޯއެއް ހުރީ 90 ރުފިޔާ އާއި 120 ރުފިޔާ އަށެވެ.
ރޯދަ މަހާ ދިމާކޮށް އަސާސީ މުދަލުގެ އަގު ބޮޑުވުމަކީ އާންމުކޮށް ދިމާވާ ކަމެކެވެ. ނަމަވެސް އެސްޓީއޯ އިން އެފަދަ ތަކެތި ރާއްޖެ ގެނެސް ހެޔޮ އަގުގައި ވިއްކަން ފެށުމުން ތަކެތީގެ އަގުތައް ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވެ އެވެ.
މިއަހަރުގެ ރޯދަ މަހަށް އެސްޓީއޯ އިން ވަނީ ފިޔާ، އަލުވި، ބިސް، ލުނބޯ އަދި ކާށި ވެސް ރާއްޖެ ގެނެސް އަގުހެޔޮކޮށް ވިއްކަން ފަށާފަ އެވެ.
އެސްޓީއޯ އިން މިއަހަރުގެ ރޯދަ މަހާ ދިމާކޮށް ދުރާލައި 24 ބާވަތެއް ރާއްޖެއަށް ގެނެސް އަގުހެޔޮކޮށް ވިއްކަން ފެށުމުން ތަކެތީގެ އަގު ވަނީ ވަރަށް ބޮޑަށް ހިފެހެއްޓިފަ އެވެ.