ދިވެހި ފުލުހުންގެ ޚިދުމަތާއި ދިވެހިރާއްޖޭގެ ދިފާޢީ ބާރު ގުޅިގެން ކުރިއަށްގެންދަނީ ކައުންޓަރ-ޓެރަރިޒަމް އޮޕަރޭޝަނެއް ކަމަށާއި، ކަންބޮޑުވާންޖެހޭ ކަމެއް މިވަގުތު ނެތް ކަމަށް ޚާރިޖީ ވުޒާރާއިން ބުނެފިއެވެ.
ޚާރިޖީ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ލިބުނު އިންޓެލިޖެންސް ރިޕޯޓުތަކަކާ ގުޅިގެން ފުލުހުންނާއި ސިފައިން ގުޅިގެން ގްރޭޓަރ މާލެ ސަރަހައްދުގައި ކައުންޓަރ-ޓެރަރިޒަމް އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ. މި އޮޕަރޭޝަންތަކަކީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ގޮތުގައި އިންޓެލިޖެންސް ރިޕޯޓުތަކާ އެއްގޮތަށް، އާންމުކޮށް ހިންގާ އޮޕަރޭޝަންތަކެއް ކަމަށް ޚާރިޖީ ވުޒާރާއިން ބުނެފައިވެއެވެ.
އެ ވުޒާރާގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރޭ ހިންގި އޮޕަރޭޝަނާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފައިވާއިރު، ކޯޓު އަމުރެއްގެ ދަށުން އެކި ތަންތަނާއި އުޅަނދުތައް ބަލައި ފާސްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި އޮޕަރޭޝަން އަދިވެސް ކުރިއަށްދާ ކަމަށާއި، ނަމަވެސް މިވަގުތު އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށް އެ ވުޒާރާއިން ބުނެއެވެ.
ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި، ރާއްޖޭގައި ދިރިއުޅެ ހުރިހާ ފަރާތްތަކުގެ ރައްކާތެރިކަން ދަމަހައްޓައި، ރައްކާތެރިކަން ކަށަވަރުކޮށްދޭނެކަމުގެ ޔަޤީންކަން ސަރުކާރުން ދޭ ކަމަށެވެ.
އަދި، ރާއްޖެއަކީ ރައްޔިތުންނަށާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރައްކާތެރި އަދި އަމާން މަންޒިލެއްގެ ގޮތުގައި ދެމިއޮތުމަށްޓަކައި، ލިބޭ އިންޒާރުތަކާ ގުޅޭ ހުރިހާ މަޢުލޫމާތެއް މޮނިޓަރކޮށް، އަވަސް ފިޔަވަޅު އަޅަމުންދާނެ ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.
ރޭގެ އޮޕަރޭޝަނުގައި މާލެއާއި ހުޅުމާލޭގެ ބައެއްގެތަށް ބަލައި ފާސްކޮށް ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.