އިސްލާމީ ވަޤުފް ފަންޑު ތަރައްޤީކުރުމާ ގުޅޭ މުހިންމު ނިންމުންތަކެއް އިސްލާމިކް މިނިސްްްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ނިންމައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ ރައީސުލްޖުމުހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ އިސްލާމީ ވަޢުދުތަކުގެ ތެރެއިން މުހިންމު އެއް ވަޢުދަކީ ވަޤުފު ފަންޑުގެ މަޝްރޫޢުތައް ފުޅާކުރުމުގެ ވަޢުދުކަމަށާއި އޭގެ ބޭނުމަކީ އިސްލާމީ ޚިދުމަތްތަކަށް ހޭދަކުރަން ބޭނުންވާ ފައިސާ ހޯދުމަށެވެ.އިސްލާމީ ވަޤުފު ފަންޑު ތަރައްޤީކުރުމަށް މިނިސްޓްރީން ނިންމި ނިންމުންތަކުގެ ތެރޭގައި، އިސްލާމިކް ވަޤުފު ފަންޑުން ހޭދަކުރުމުގެ ދާއިރާތައް ފުޅާކުރުމާއި، ދާރުލްއީމާން ބިލްޑިންގް އަކީ އިސްލާމީ ވަޤުފު ފަންޑުގެ އެސެޓެއްކަމުގައި ރަސްމީކޮށް ކަނޑައެޅުން ހިމެނެއެވެ.
- އެތަނުން ލިބޭ ނަފާއަކީ މިސްކިތްތަކަށް ޚާއްޞަކޮށް ވަޤުފުކުރެވިފައިވާ އެއްޗަކަން ހެދުން
- އަލަށް އިމާރާތްކުރާ ދާރުއްސަލާމް ބިލްޑިންގާއި ދާރުލްއަރްޤަމް ބިލްޑިންގުން ލިބޭ ނަފާ ދީނީ ކަންކަން ކުރިއެރިވުމަށް އެހީވާ ވަޤުފު ފަންޑަށް ކަނޑައެޅުން
- ދީނީ ކަންތައްތައް ކުރިއެރުވުމަށް އެހީވާ ވަޤްފު ފަންޑުގައި 15 މިލިއަން ރުފިޔާގެ (ކޭޝްވަޤްފު) އުފެއްދިކަމުގެ ވަސީޤާގައި ސޮއިކުރުން
- އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ 'ދީނީ ކަންތައްތައް ކުރިއެރުވުމަށް އެހީވާ ވަޤްފު ފަންޑު' އާއި ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ 'ޒަކާތު ފަންޑު' އާ ގުޅިގެން 'ދާރުއްސަލާމް' އާއި 'ދާރުލް އަރްޤަމް' ތަރައްޤީކުރުމަށް ނިންމުމުގެ ވަޘީޤާގައި ސޮއިކުރުން
މި މަޝްރޫޢުތަށް ކުރިއަށް ގެންދިއުމަށް ބީއެމްއެލް އިސްލާމިކް އިން ވަނީ 350 މިލިއަން ރުފިޔާގެ އިސްލާމިކް ލޯން ދިނުމަށް ނިންމާފައިވާކަންވެސް ވަޒީރު ވަނީ މިއަދު ހާމަ ކުރައްވާފައެވެ.
ވަޒީރު ވިދާޅުވީ، ވަޤުފު ފަންޑުގެ އިންވެސްޓްމަންޓްތަކުގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށާއި މި މަޝްރޫޢުތައް ނިމުމުން އިސްލާމީ ދާއިރާއަށް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެކަމަށެވެ.
މި މަޝްރޫޢުތަކަކީ މި ދައުރުގައި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެންމެ ބިޔަ މަޝްރޫޢުތަކެވެ.