މަސްތުވާތަކެތީގެ ތިން މައްސަލައެއްގައި ހުޅުމާލެއިން ތިން މީހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޅ. ހިންނަވަރު / އާވާޒް، އަހުމަދު ގާސިމް (42އ) އާއި ގދ. ގައްދޫ / ރަޖީނާގެ، އިބްރާހީމް ނިޔާޒު (36އ) އާއި ހއ. މާރަންދޫ / ސަނީބީމް، އަމްރު ޖަލީލް (20އ) އެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި މީހުންގެ ތެރެއިން އަހުމަދު ގާސިމް ހައްޔަރުކޮށްފައިވަނީ އެޕްރީލް 21 ވަނަ ދުވަހުގެ ހަވީރު ފުލުހުން ރަށުތެރެ ޕެޓްރޯލު ކުރަމުން ދިޔައިރު ހުޅުމާލޭ ފޭސް 1 ހިރުނދުމަގުން އޭނާ ފެނުނުއިރު އޭނާގެ އަމަލުތައް ހުރިގޮތުން، އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅަކާއި ރަބަރު ޕެކެޓެއްގެ އިތުރުން ދެ ސެލޯފިންކޮޅު ފެނުމާ ގުޅިގެންނެވެ.
މީގެ އިތުރުން އަމްރު ޖަލީލް ހައްޔަރުކޮށްފައިވަނީ ރޭ ދަންވަރު ފޭސް 1 ގައި ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު ރުއްގަނޑު 2 ސަރަހައްދުން އޭނާ ދުއްވި ސައިކަލު ކަހާލައިގެން ވެއްޓުނު ވަގުތު ފުލުހުން ފެނުމުން އޭނާ ފިލަން މަސައްކަތްކުރުމާ ގުޅިގެންނެވެ. 119 ނަންބަރު ފްލެޓް ކައިރިން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު 48 ދަޅު ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އަދި އިބްރާހީމް ނިޔާޒު ހައްޔަރުކޮށްފައިވަނީ ރޭ ދަންވަރު ހުޅުމާލޭ ފޭސް 2 ގައި ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު ހިޔާ ޓަވަރު 16 ކައިރިން ކަމަށާއި، އޭނާގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި 67 ރަބަރު ޕެކެޓު ފެނުމާ ގުޅިގެންނެވެ.
މި މައްސަލަތައް ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.