މާލޭގެ އިމާރާތަކުން ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ހައްވާ ޔުމްނު ރަޝީދު އިތުރު ފަރުވާއަށްޓަކައި މިރޭ މެލޭޝިއާއަށް ފުރުވާލައިފިއެވެ.
ޔުމްނަށް ފަރުވާ ދޭނެ ކަމަށް ވަނީ މެލޭޝިއާގެ ވެރިރަށް ކުއާލާ ލަމްޕޫރުގައި ހުންނަ ޕަންޓާއީ ހޮސްޕިޓަލުންނެވެ. އެ ހޮސްޕިޓަލްގެ ލިޔުމުގައިވާ ގޮތުން، ޔުމްނުގެ ބުރަކަށްޓާއި ފައިގެ ކަށިތަކާއި މޭ ކަށިތައް ބިންދައިގެން ގޮސްފައިވެއެވެ.
މިމަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓޯނިއާގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ވެއްޓިފައިވާ ޔުމްނު ފެނުނީ އެދުވަހުގެ ހެނދުނުއެވެ. އެހާދިސާގައި ލިބުނު އަނިޔާތަކާ ގުޅިގެން ޔުމްނުއަށް ފަރުވާ ދެމުން އައީ އައިޖީއެމްއެޗްގެ އިންޓެންސިވް ކެއަރ ޔުނިޓްގައެވެ.
ޔުމްނު މެލޭޝިއާއަށް ގެންދިއުމަށް ބޭނުންވާ 25,000 އެމެރިކާ ޑޮލަރު (385,500 ރުފިޔާ) އެންސްޕާ މެދުވެރިކޮށް ސަރުކާރުން ވަނީ ހަމަޖައްސައިދީފައެވެ. ރޭގެ ވަގުތެއްގައި ޖަމާކޮށްދީފައިވާ މިފައިސާގެ ތެރޭގައި 12 މީހުންގެ ޓިކެޓުގެ ޚަރަދުވެސް ހިމެނެއެވެ.