ސިޔާސީ މަގާމުތަކަށް ދައުލަތުގެ ބަޖެޓުން ޚަރަދުކުރެވޭ މިންވަރު ގާނޫނެއްގައި ބަޔާންކުރުމަށް ސަރުކާރުން ނިންމައިފިކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މަނިކުފާނު ވިދާޅުވީ ސިޔާސީ މަގާމުތަކާ ގުޅޭ އިތުރު އިސްލާހުތަކެއް ވެސް ގެނެވޭނެ ކަމަށެވެ. އެގޮތުން މަގާމުތަކަށް ޚަރަދުކުރެވޭނީ އެންމެ ގިނަވެގެން ކިހާ މިންވަރެއްކަން ގާނޫނުގައި ބަޔާންކުރުމާއި، އައްޔަންކުރެވޭނެ ސިޔާސީ މަގާމުތަކުގެ އަދަދު މަޖިލީހުން ކަނޑައެޅުމާއި، ސިޔާސީ މަގާމުތަކުގައި ތިބޭ ފަރާތްތަކުގެ ތަފުސީލު މަޖިލީހާ ހިއްސާކުރަން ޖެހޭ ގޮތަށް ގާނޫނު ބަދަލުކުރުން ހިމެނެއެވެ.
ރައީސް ވިދާޅުވި ގޮތުގައި މި އިސްލާހުތަކަކީ ޗެކް އެންޑް ބެލެންސް ނިޒާމެއްގެ ތެރެއަށް ސިޔާސީ މަގާމުތައް އައްޔަންކުރުން ގެނައުމުގެ ގޮތުން ކުރެވޭ ކަންތައްތަކެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރު މުސާރައަށް ކުރި ޚަރަދު ވަނީ 11 ޕަސެންޓް އިތުރުވެ، 1.58 ބިލިއަން ރުފިޔާއަށް އަރައިފައެވެ.
ރިޔާސީ އާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުމަށާއި، ޕްރިފަރެންޝަން ވޯޓިން ނިޒާމަށް ބަދަލުކޮށް ދެވަނަ ބުރު ނުބާއްވާ ގޮތަށް ހަމަޖެއްސުމާއި، ރިޔާސީ ދައުރު 11 ނޮވެންބަރުގައި ފެށޭ ގޮތަށް ކަނޑައެޅުމާއި، މަޖިލީހުގެ މެންބަރުންގެ އަދަދު 93ގައި ހިފެހެއްޓުމަށްވެސް ވަނީ ނިންމާފައެވެ.
އިންތިޚާބީ މަގާމުތަކުގައި ތިބޭ ފަރާތްތައް ދައުރު މެދުތެރެއިން ވެސް ވަކިކުރެވޭނެ 'ރިކޯލް ވޯޓް' ނިޒާމެއް ތައާރަފުކުރުމަށް ނިންމި ކަމަށްވެސް ރައީސް ވިދާޅުވިއެވެ. މި ނިޒާމުގެ ދަށުން މަޖިލިސް މެންބަރުންނާއި ކައުންސިލަރުން ހިމެނޭ އިންތިޚާބީ ހުރިހާ މަގާމެއްގައި ތިބޭ ފަރާތްތައް ވަކިކުރެވޭނެއެވެ.
އަތޮޅު ކައުންސިލްތައް އުވާލުމަށް ނިންމާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ރިކޯލް ވޯޓެއް ނަގައި ވަކިކުރަން ފާސްވެއްޖެނަމަ އިންތިހާބީ މަގާމުތަކުގައި ތިބޭ ފަރާތްތައް ވަކިކުރެވޭނެ ނިޒާމެއް ތައާރަފްކުރުން. އޭގެ ތެރޭގައި ކައުންސިލަރުންނާއި މަޖިލިސް މެންބަރުން ހިމެނޭ ގޮތަށް އިންތިހާބީ މަގާމުތަކުގައި ތިއްބަވާ ހުރިހާ އެންމެން ހިމެނޭނެ،" ރައީސް ވިދާޅުވި އެވެ.
މި ދައުރުގައި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމާއި، ރިޔާސީ އިންތިހާބު "ޕްރިފަރެންޝަލް ވޯޓިން" ނިޒާމަށް ބަދަލުކޮށް، އިންތިހާބުގެ ދެވަނަ ބުރު ނޯންނަ ގޮތަށް ހަމަޖައްސައި، މަޖިލިސް މެންބަރުންގެ އަދަދު އިތުރު ނުވާގޮތަށް 93 މެންބަރުންނާ ހިފަހައްޓަން ސަރުކާރުން ވަނީ ނިންމާފަ އެވެ.