ދ. ވާނީގައި ހުންނަ ފުލުހުންގެ ޓްރެއިނިންގ ސެންޓަރުގައި ތަމްރީނު ހަދަމުންދަނިކޮށް ހާލު ސީރިއަސްވެގެން ހޮސްޕިޓަލަށް ގެންދެވުނު 34 އަހަރުގެ ފިރިހެން ރެކްރޫޓް ޙުސައިން ގާއިސް ނިޔާވެއްޖެއެވެ. މި ރެކްރޫޓްގެ ހާލު ކުއްލިއަކަށް ދެރަވުމާ ގުޅިގެން ހިސްޕިޓަލަށް ގެންދެވުނީ މިދިޔަ އާދީއްތަ ދުވަހުއެވެ.
އެއަށްފަހު ކުޑަހުވަދޫ ހޮސްޕިޓަލުން އިތުރު ފަރުވާދިނުމަށްޓަކައި އޭނާ ވަނީ އައިޖީއެމްއެޗަށް ބަދަލުކުރެވިފައެވެ. އެއަށްފަހުވެސް އޭނާގެ ހާލު ސީރިއަސްވެ ފަރުވާ ދެމުންދިޔައީ ވެންޓިލޭޓަރުގައެވެ.
ޕޮލިސް ކޮންސްޓަބްލް މަރްޙޫމް ޙުސައިން ގާއިސް އަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ 40 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިންގ ކޯހުގައި ތަމްރީނު ފުރިހަމަ ކުރަމުން ދިޔަ ރެކްރޫޓެކެވެ. އޭނާ ނިޔާވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.
މިދިޔަ އާދީއްތަ ދުވަހުގެ ފަތިހު 4:21 ހާއިރު ދަރިވަރުންނަށް ގޮވަމުން ދިޔައިރު މަރްޙޫމް ޙުސައިން ގާއިސްގެ ޚަބަރެއް ނެތްކަން ފާހަގަވެ، އަވަސް ފަރުވާ ދިނުމަށްފަހު ދ. އަތޮޅު ހޮސްޕިޓަލަށް ގެންދެވުނެވެ. އަދި އެ ދުވަހުގެ 13:22 ގައި އެއާ އެމްބިއުލާންސްގައި އޭނާ ވަނީ މާލެ ގެނެވިފައެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަރްޙޫމްގެ އާއިލާއަށާއި، އެންމެހައި ރައްޓެހިންނަށާއި އެކުގައި ތަމްރީން ފުރިހަމަ ކުރަމުން ދިޔަ ފުލުހުންނަށް ތަޢުޒިޔާ ރައްދުކޮށްފައިވެއެވެ. އަދި މަރްޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުޢާ ދަންނަވާފައިވެއެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ ތަޙްޤީޤެއް ފަށާފައިވާ ކަމަށް ބުނެފައެވެ. އަދި މި މައްސަލައިގައި އިތުރު މަޢުލޫމާތު ލިބުމުން ހިއްސާ ކުރާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.