ކުޑަކުދިން ކުށުގެ ވެއްޓަށް ވެއްޓުމުގެ ކުރިން އެ ކުދިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އަވަސްވެގަންނަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ސާޖިދާ މިހެން ވިދާޅުވީ، މިއަދު ފެށުނު "ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް 2025" ގެ ފެށުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. މި ކޮންފަރެންސްއަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވޭ މިފަދަ ކޮންފަރެންސްއެވެ.
ސާޖިދާ ވިދާޅުވީ، ކުދިން ކުށުގެ ވެއްޓަށް ވެއްޓުމުގައި އެ ކުދިންގެ ވަށައިގެންވާ މާހައުލު ބޮޑު ދައުރެއް އަދާކުރާ ކަމަށެވެ. އަދި މުޖުތަމައުން ކުދިން ވަކި ގޮތަކަށް ލޭބަލްކުރުމުގެ ސަބަބުން އެ ކުދިން ބޮޑެތި ކުށްތަކަށް އަރައިގަތުމުގެ ފުރުސަތު ބޮޑުވާ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން އުމުރުން 14 އަހަރުގައި މީހަކު މަރާލައިގެން ހައްޔަރުކުރުމުގެ ކުރިން އެކުއްޖާ، 191 ފަހަރު ދައުލަތުގެ ކަމާބެހޭ އިދާރާތަކާއި އެކި ގޮތްގޮތުން ބައްދަލުވެފައިވާކަން ހާމަވޭ. މިހާހިސާބުން އުފެދޭ ސުވާލަކީ އެކުއްޖާއަށް ލިބިދޭންޖެހޭ ފުރުސަތު ފަހިކޮށްދިނުމަށް އަޅުގަނޑުމެނަށް ކިތައް ފުރުސަތު ލިބިގެންދިޔަތޯ،
ސާޖިދާ އިތުރަށް ވިދާޅުވެފައިވަނީ ކުށުގެ ވެއްޓަށް ވެއްޓިފައިވާ ކުދިންނަކީ އެއް އިރެއްގައި އަނިޔާ ލިބުނު ފަރާތްތަކެއް ކަމަށް ހަނދާންކޮށް، އެ ކުދިންނަށް އެހީތެރިވުމަށް މަސައްކަތްކުރަންޖެހޭ ކަމަށެވެ. އަދި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ކުދިންގެ ފަރާތުން ފެންނަ ތަފާތު ބަދަލުތަކާމެދު ސަމާލުވެ، އެ ކުދިންނަށް އިތުރު ސަމާލުކަމެއް ދިނުމަށް އެދިވަޑައިގެންނެވިއެވެ.
ސާޖިދާ ވަނީ ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދައުލަތުގެ ބަޖެޓުން އަހަރަކު ގާތްގަނޑަކަށް ބިލިއަނެއްހާ ރުފިޔާ ހޭދަކުރާ ކަމަށް ވިދާޅުވެފައެވެ. އަދި މި ފައިސާ ހޭދަކުރެވެނީ ހަރުދަނާ ނިޒާމެއްގެ ތެރެއިންތޯ ބަލަންޖެހޭ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.
ކޮންފަރެންސްގެ ބައިވެރިންނަށް ސާޖިދާ ގޮވާލާފައިވަނީ ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ކުޑަކުދިންގެ ޢަދުލު އިންސާފުގެ ނިޒާމަށް ބަދަލުތަކެއް ގެނައުމަށް މަސައްކަތްކުރުމަށެވެ. އެކަމަނާ ވިދާޅުވެފައިވަނީ މި ނިޒާމަކީ އަދަބު ދިނުމަށް އަވަސްވެގަތުމުގެ ބަދަލުގައި، ކުށަށް އަރައިގަތުމަށް މެދުވެރިވި ހާލަތްތަކުން ރައްކާތެރިކަން ފޯރުކޮށްދޭ ނިޒާމަކަށް ހަދަންޖެހޭ ކަމަށެވެ.
މި ކޮންފަރެންސްގައި ކުޑަކުދިންގެ އަދުލު އިންސާފާ ގުޅޭ ގޮތުން ގިނަ މަޝްވަރާތަކެއް ކުރެވޭނެއެވެ. މީގެ ތެރޭގައި ކުޑަކުދިން ކުށުގެ ވެއްޓަށް ވެއްޓުމުގެ ސަބަބުތައް ދެނެގަތުމާއި، އެ ކުދިންނަށް އެހީތެރިވެވޭނެ ގޮތްތައް ހޯދުން ހިމެނެއެވެ.
މި ކޮންފަރެންސްގެ ނަތީޖާއެއްގެ ގޮތުން، ކުޑަކުދިންގެ އަދުލު އިންސާފުގެ ނިޒާމު އިސްލާހުކުރުމަށް ބޭނުންވާ ސިޔާސަތުތަކާއި ގާނޫނުތައް އެކުލަވާލުމަށް މަގުފަހިވެގެންދާނެއެވެ. އަދި މިކަމުގެ ސަބަބުން ކުޑަކުދިންގެ ހައްގުތައް އިތުރަށް ރައްކާތެރިކުރެވި، އެ ކުދިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ފަސޭހަވެގެންދާނެ ކަމަށް ވެސް ލަފާކުރެވެއެވެ.