ފަނޑިޔާރުގެއަކީ ވެރިކަމުގައި އެ ވަގުތަކު ތިބޭ ފަރާތްތަކުން ނުފޫޒު ފޯރުވައި އަތްބާނާ ތަނަކަށް ހަދާފައިވާ ކަމަށާއި މިއަދު ވެސް ތަކުރާރުވަމުން އަންނަނީ އެ މަންޒަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރު އަހުމަދު އަޒާން މަރްޒޫގު ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި އަޒްމިރަލްދާ ޒާހިރު މިއަދު މަޖިލީހުން ވަނީ ވަކިޮށްފައެވެ.
އެދެ ފަނޑިޔާރުން ވަކިކުރަން ނިންމައި މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓަށް ބަހުސްކުރައްވަމުން މެންބަރު އަޒާން ވިދާޅުވީ،ބަޔަކު ގޯސްކޮށް އަމަލުކުރުމަކީ އެކަން އެގޮތަށް ތަކުރާރުކުރަންޖެހޭ ސަބަބެއް ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ، ފެހި ގާނޫނުއަސާސީ އެކުލަވައިލި ފަހުން ކޮންމެ ސަރުކާރަކުން ވެސް ފަނޑިޔާރުގެއަށް އަތްބޭނި ކަމަށެވެ.
"މިއަދުވެސް ތަކުރާރުވަމުން މިދަނީ މާޒީގައި ތަކުރާރުވި މަންޒަރު. ބަޔަކު ގޯސްކޮށް ކަމެއް ކުރުމަކީ އަޅުގަނޑުމެން އެކަން އެގޮތަށް ކުރަންޖެހޭ ސަބަބެއް ނޫން،" އަޒާން ވިދާޅުވިއެވެ.
ސުޕްރީމް ކޯޓަކީ އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ މަތީ ބާރުކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އެ ކޯޓުގައި ތިބެން ޖެހޭނީ ނަޒާހާތްތެރި ފަނޑިޔާރުން ކަމަށެވެ. އެ ފަނޑިޔާރުންގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދިއްޖެ ނަމަ އެ މައްސަލައެއް ބަލަން ޖެހޭނެ ކަމަށާއި އެކަމަކު އެކަން ކުރަން ވާނީ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މި މައްސަލައިގައި ބައިނަލްއަގުވާމީ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދާކަމަށާއި އދ. އާއި ކޮމަންވެލްތު އަދި އެކުވެރި ގައުމުތަކުގެ ބާ ކައުންސިލްތަކުން ވެސް މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރިނަމަވެސް އެއަށް ބެލުމެއްނެތި ފަނޑިޔާރުންނަށް ދިފާއުގަ ބަހެއް ބުނެލާނެ ފުރުސަތު މަޖިލީހުގެ ކޮމިޓީން ވެސް ނުދޭކަން ފާހަގަ ކުރެއްވި އެވެ.