މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ރަސްމީ އިހްތިފާލްތައް ބޭއްވުމަށް ބޭނުންވާ ރަށްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކުރާ ގޮތުގައި މަސްވެރިންގެ ދުވަހުގެ އިމްތިފާލުތައް ބާއްވާނެ ރަށްކަނޑައަޅާއިރު ބަލާނެ ކަންތައްތަކުގެ ތެރޭގައި ގައުމީ ފެންވަރުގައި ފާހަގަ ކުރާ ދުވަހެއް ހަމަ އެ އަހަރު އެރަށުގައި ފާހަގަ ކުރާ ރަށަކަށް ނުވުމާއި، މަސްވެރިންގެ ދުވަސް މީގެ ކުރިން ބާއްވާފައިވާ ރަށެއްގައި ދެވަނަ ފަހަރަށް މަސްވެރިންގެ ދުވަސް ބޭއްވުމަށް އެދިފައިވާނަމަ، އެރަށެއްގައި މަސްވެރިންގެ ދުވަސް ބޭއްވިތާ 5 އަހަރު ވެފައިވުމާއި، މުނާޞަބަތުތައް ބޭއްވުމަށް އެރަށެއްގެ ރައްޔިތުން ޝައުގުވެރިވާ މިންވަރު ހިމެނެއެވެ.
މީގެ އިތުރުން އުމްރާނީ ގޮތުން ރަށަށް އައިސްފައިވާ ކުރިއެރުންތަކުގެ ތަފްސީލާއި، އަތޮޅުގެ އެހެން ރަށްރަށުގެ ބައިވެރިވުން ހޯދުމަށް ހުށަހަޅާފައިވާ މިންވަރާއި، ދުވަހާ ގުޅިގެން ރަށަށް ޒިޔާރަތްކުރާ މެޙުމާނުންނަށް މެހުމާންދާރީ އަދާކުރުމުގެ އިންތިޒާމްތައް ރޭވިފައިވާ ގޮތާއި އެކަން ކުރުމުގެ ޤާބިލްކަން ހުރި ނެތް މިންވަރާއި، ރަށަށް ޒިޔާރަތްކުރާ މެހެމާނުން ތިބުމަށް ހަމަޖައްސާފައިވާ އިންތިޒާމުތަކުގެ އިތުރުން މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް އެރަށަކުން ކުރުމަށް ހުށަހަޅާ ކަންކަމަށްވެސް ބަލާނެ ކަމަށް އެ ވުޒާރާއިން ބުންޏެވެ.
އެ ވުޒާރާއިން އިތުރަށް ބުނީ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރަށެއް ކަނޑައެޅުމުގައި އެރަށަކީ މަސްވެރި ރަށެއް ކަމުގައި ބަލާނެ ކަމަށާއި، މަސްވެރި ރަށެއް ކަމުގައި ބެލުމުގައި އެރަށެއްގައި ރަޖިސްޓްރީ ކޮށްފައިވާ މަސްވެރިންގެ ޢަދަދާއި، މަސްވެރި އުޅަނދުފަހަރުގެ ޢަދަދަށްވެސް ބަލާނެ ކަމަށެވެ.
އެހެންކަމުން މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭނުންވާ ރަށްރަށުން އެކަމަށްއެދޭ ފޯމު 19 ޖޫން 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 ކުރިން އެ ވުޒާރާއަށް ޖެމްސް މެދުވެރިކޮށް ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށް އެ ވުޒާރާއިން ބުންޏެވެ.