ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް އަންނަ ޖުލައި 26 ގައި ހުޅުވަން ނިންމައިފިއެވެ.
ހުޅުލޭ އައިލެންޑް ހޮޓެލްގައި އިއްޔެ ބޭއްވުނު އޭވިއޭޝަން ފޯރަމްގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު ޝަފީޒު އަހުމަދު ވިދާޅުވި ގޮތުގައި އާ ޓާމިނަލްއާ އެކު ވަރަށް ގިނަ ކަންކަމަށް ބަދަލު އަންނާނެއެވެ. މީގެ ތެރޭގައި އާ ޗެކިން ކައުންޓަރުތަކާއި ބެގޭޖު ޑްރޮޕް އިން ކައުންޓަރުތައް ހިމެނެއެވެ. އަދި އޮޓަމޭޓެޑް ބެގޭޖު ހެންޑްލިން ސިސްޓަމެއްވެސް ގާއިމުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މި ބަދަލުތަކުގެ މަޤްޞަދަކީ ވީއައިއޭގެ ޚިދުމަތްތައް މިހާރަށްވުރެ ބޮޑަށް ރަނގަޅު ކުރުމެވެ.
ޓާމިނަލް ހުޅުވުމަށްފަހު، ތިން މަސްދުވަހުގެ ތެރޭގައި ކުރީގެ ޓާމިނަލުން ދެމުން އައި ހުރިހާ ޚިދުމަތެއް އާ ޓާމިނަލަށް ބަދަލު ކުރެވޭނެ ކަމަށް ޝަފީޒު އަހުމަދު ވިދާޅުވިއެވެ. މިއީ ވަރަށް ބޮޑު ބަދަލެއް ކަމަށާއި، މުޅި އެއާޕޯޓުގެ މަސައްކަތްތަކަށް އޭގެ އަސަރު ކުރާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"އާ ޓާމިނަލް ހުޅުވާނެ ޖުލައި 26 ގައި. އެއާ އެކު ހިދުމަތްތަކަށް ވެސް ބަދަލުތައް އަންނާނެ. ސެލްފް ޗެކިން ކައުންޓަރުތަކާއި ބެގޭޖު ޑްރޮޕް އިން ކައުންޓަރުތައް ވެސް ހުންނާނެ. އަދި އޮޓަމޭޓެޑް ބެގޭޖު ހެންޑްލިން ފަށާނެ،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ މައި އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ނިންމަން ކުރަން ސައުދީ ފަންޑުން 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އާއި 80 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން ވަނީ ހޯދައިފަ އެވެ. އެއާ އެކު އެ ޕްރޮޖެކްޓްގެ ޖުމްލަ އަގު ހަތް ބިލިއަން ރުފިޔާ އަށް އަރާނެ އެވެ.
ސަރުކާރުން ބުނެފައި ވަނީ އާ ޓާމިނަލް އެއްކޮށް ބޭނުން ކުރަން ފެށުމުން ދުވާލަކަށް 8،000 ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ އެވެ.