ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފުރާނަފުޅު ދުއްވައިލަން ދިން ޓެރަރިސްޓު ހަމަލާއާއި ގުޅިގެން ފުރިހަމަ ތަހުގީގެއް ހިންގޭނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަގުތީ ގޮތުން މަސައްކަތުން އެކަހެރި ކޮށްގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެ އެވެ.
ބޮންޑޭ މިފަދައިން ވިދާޅުވީ އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ރޭ ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ބޮންޑޭ ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާގެ އެންމެ ފުނަށް ތަހުގީގުގައި ވާސިލް ވާންޖެހޭ ކަމަށެވެ. އަދި އެއީ ވަރަށް އިހްލާސްތެރިކަމާއިއެކު ކުރަންޖެހޭ މަސައްކަތެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
އަޅުގަނޑު އެދެން މި ކޮމެޓީން ސަރުކާރުގައި ދަންނަވައިގެން ވެސް ވަގުތީ ގޮތުން ހޯމް މިނިސްޓަރު އެ މަގާމުން އެކަހެރި ކުރަން މި ތަހުގީގު، ފުރިހަމަ ތަހުގީގެއް ކުރާ ކަމަށްވަންޏާ. އެ މަސްލަހަތު އެބައޮތް، އެއީ ދައުލަތުގެ، އެމްޑީޕީގެ ވެރިއެއް އަދި ދިވެހިރާއްޖޭގެ ރައީސްކަން ކޮށްފައިވާ ބޭފުޅެއް.
- މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު
މެމްބަރު ވިދާޅުވީ އިމްރާނަކީ ނަޝީދާއި ޒާތީ ގޮތުން އެތައް ކަމެއް ކުރައްވާފައި ހުންނެވި ބޭފުޅެއް ކަމަށާއި އެހެންކަމުން އިމްރާން ހުންނަވައިގެން ސާފު ތަހުގީގެއް ނުހިންގޭނެ ކަމަށެވެ.
ބޮންޑޭ ތުހުމަތު ކުރެއްވި ގޮތުގައި ފުލުހުންގެ އިންޓެލިޖެންސަށް ނަޝީދަށް ދިން ހަމަލާގެ މައުލޫމާތު ކުރިންވެސް ލިބިފައިވާނެ އެވެ. މީގެ އިތުރުން ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމުގައި ހުންނެވީ ކުރިން ހަރުކަށި ފިކުރުގައި އުޅުއްވި ބޭފުޅެއް ކަމަށްވެސް ބޮންޑޭ ތުހުމަތު ކުރެއްވި އެވެ.
ނަޝީދަށް ދީފައިވާ ސެކިއުރިޓީ އަކީ ހައި ސެކިއުރިޓީކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށާއި އެކަން ނުވެ އޮތް ސަބަބު ހޯދަން ޖެހޭ ކަމަށްވެސް ބޮންޑޭ ވިދާޅުވި އެވެ.
ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން އިމްރާން ކަންބޮޑުވުން ފާޅު ކުރައްވާފައި ނުވާތީ ބޮންޑޭ އިމްރާނަށް ފާޑުވިދާޅުވި އެވެ. އަދި ނަޝީދާއި ދެކޮޅަށް މެދު ނުކެނޑި ވާހަކަ ދައްކަވާ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒުގެ ދިފާއުގައި އިމްރާން ބަސް ވިދާޅުވާތީ އެކަމަށްވެސް ފާޑު ވިދާޅުވި އެވެ.