އިންޑިއާ ސަރުކާރާއި ދެކޮޅަށް ރާއްޖޭގައި ދައްކަމުންދާ ވާހަކަތަކާއި ގުޅިގެން ރާއްޖޭގައި ހުންނަ އެގައުމުގެ ހައިކޮމިޝަނުން ހުށަހެޅި ޝަކުވާތަކާއި ގުޅިގެން ފުލުހުން ތަހުގީގު ފަށާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެ އެވެ.
އިންޑިއާ ހައި ކޮމިޝަނުން އެތައް ޝަކުވާއެއް އުފުލާފައިވަނީ ފޮރިން މިނިސްޓްރީގަ އެވެ. ޝަކުވާގެ ސިޓީގައި ބުނެފައިވަނީ ރާއްޖޭގެ މީޑިއާތަކުން އިންޑިއާއާއި ދޭތެރޭ ނުބައި ތަސައްވަރެއް އުފެއްދުމުގެ ގޮތުން ހަބަރުތައް ގެނަސްދޭތީ އެކަމާއި ކަންބޮޑުވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ހައިކޮމިޝަންގެ މަސައްކަތްތަކަށްވެސް ހުރަސްއެޅިފައިވާކަމަށް ބުންޏެވެ.
މީގެ އިތުރުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ސަންޖޭ ސުދީރުގެ ކަރާމާތަށްވެސް ބުރޫ އަރާކަމަށް ވިދާޅުވެ މީޑިއާތައް ކުށްވެރިކުރާކަމަށް ހައިކޮމިޝަންގެ ސިޓީގައި ވިދާޅުވި އެވެ.
ހައި ކޮމިޝަންގެ ޝަކުވާތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ފޮރިން ރިލޭޝަންސް ކޮމިޓީގެ މުގައްރިރުކަން ކުރައްވާ މަވޯޓާ ޝަރީފު ވިދާޅުވީ އެކަމާއި ގުޅިގެން ފުލުހުން މިހާރު ތަހުގީގު ފަށާފައިވާކަމަށެވެ. އެހެންނަމަވެސް މިކަން ފުލުހުން ކަށަވަރު ކޮށްދީފައެއް ނުވެ އެވެ.
އިންޑިއާއާއި ދެކޮޅު ވާހަކަތައް ކުށްވެރިކޮށް ޝަރީފު އިތުރަށް ވިދާޅުވީ އިންޑިއާއަކީ ރާއްޖެއާއި އެންމެ ގާތް ގުޅުމެއް ބާއްވާ ގައުމު ކަމަށާއި ފިތުނަ އުފެއްދުމާއި އެގައުމުގެ ނަން ހުތުރުކުރުމަށް ދެކެވޭ ވާހަކަތަކަށް ދޫ ނުދެވޭނެ ކަމަށެވެ. އަދި ޑިޕްލޮމެޓިކް ކުޅުންތައް ރައްކާތެރިކޮށްދޭން ޖެހޭކަމަށްވެސް ޝަރީފު ވިދާޅުވި އެވެ.
އިންޑިއާ ހައި ކޮމިޝަނުން ވަނީ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ އަރިހުގައި ރާއްޖޭގެ ބައެއް އޮންލައިން ނޫސްތަކަށް ފިޔަވަޅު އަޅަން އެދިފަ އެވެ. އެމައްސަލަަ ރޮޒައިނާ ވަނީ މީޑިއާ ކައުންސިލަށްވެސް ހުށަހަޅައިފަ އެވެ. ރޮޒައިނާ މައްސަލަ ހުށަހެޅުއްވީ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގެ މުގައްރިރުކަމުގެ ހައިސިއްޔަތުންނެވެ. އެނގިފައިވާ ގޮތުގައި މައްސަލަ ހުށަހެޅުއްވުމުގެ ކުރިން ކޮމިޓީގައި އެކަމާއި ގުޅޭ މަޝްވަރާތައް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އިންޑިއާގެ އިންތިހާ ނުފޫޒު އޮތްކަމުގެ ތުހުމަތު ކުރެވޭތާ ދުވަސްތަކެއް ވެއްޖެ އެވެ. އެގޮތުން އިންޑިއާ ސަރުކާރާއިއެކު ހަދާފައިވާ ބައެއް އެއްބަސްވުންތަކުގެ ތަފްސީލު ހާމަކުރަން ސަރުކާރުން ދެކޮޅު ހަދަމުން ދާއިރު ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންނާއި ގުޅުންހުރި އެއްވެސް މައުލޫމާތެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ. ޑިފެންސް މިނިސްޓްރީން ބުނީ އެމައުލޫމާތު އާންމުކޮށްފިނަމަ ދެގައުމުގެ ގުޅުމަށް ބުރޫ އަރާނެ ކަމަށެވެ.