ޖުލައި 26 ގައި ބާއްވާ މިނިވަން ދުވަހުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ވަޑައިގަންނަވާނެކަމަށް ބެލެވޭކަމަށް އިންޑިއާގެ ބައެއް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.
އެގައުމުގެ "ޓައިމްސް އޮފް އިންޑިއާ"އިން މިއަދު ބުނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އެކުލަވާލާފައިވާ ހައި-ލެވެލް ކޯ ގުރޫޕުގެ ދެވަނަ ބައްދަލުވުމަށް މިދިޔަ ހަފްތާގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އިންޑިއާއަށް ކުރެއްވި ދަތުރުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން، މިނިވަން ދުވަހުގެ ޖަލްސާއަށް ވަޑައިގެންނެވުމަށް މޯދީއަށް ދެއްވި ރަސްމީ ދައުވަތު އަރުވާފައިވާ ކަމަށެވެ.
ހައި-ލެވެލް ކޯ ގުރޫޕުގެ ބައްދަލުވުމަކީ ބޮޑުވަޒީރު މޯދީގެ ދައުވަތަކަށް ރައީސް މުހައްމަދު މުއިއްޒު މިދިޔަ އޮކްޓޯބަރުގައި އިންޑިއާއަަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެ ލީޑަރުން އެކުލަވާލެއްވި ތަސައްވުރު ތަންފީޒުކުރަން ދެ ގައުމުގެ ދެމެދު މަޝްވަރާކުރަން އެކުލަވާލި ގްރޫޕެކެވެ.
"ޓައިމްސް އޮފް އިންޑިއާ"އިންބުނެފައިވަނީ ރައީސް މުއިއްޒުގެ ދައުވަތު ގަބޫލު ކުރައްވައި އިންޑިއާ ސަރުކާރުން ވިސްނަމުންދަނީ، ޖުލައި 26 ގައި ބާއްވާ ރަސްމީ ޖަލްސާގައި މޯދީ ބައިވެރިވެވަޑައިގެންނެވުމަށް ކަމަށެވެ.
އެކަމަކު ރައީސް މުއިއްޒުގެ ދައުވަތު ގަބޫލުކުރެއްވި ކަމެއް ނުވަތަ ނޫންކަމެއް އިންޑިއާގެ ސަރުކާރުން ވެސް އަދި ރާއްޖޭގެ ސަރުކާރުން ވެސް މިހާތަނަށް ބުނެފަ އެއް ނުވެ އެވެ.
މޯދީގެ ދަތުރުފުޅު ހަގީގަތަކަށް ވެއްޖެނަމަ، މިއީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެމަނިކުފާނު ކުރައްވާ ފުރަތަމަ ދަތުރުފުޅަށް ވާނެ އެވެ.
މޯދީ އެންމެ ފަހުން ރާއްޖެ ވަޑައިގެންފައިވަނީ ކުރީގެ ރައީސްއިބްރާހިމް މުހައްމަދު ސޯލިހު ރައީސްކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށެވެ. އެއީ 18 ނޮވެމްބަރު 2018 ގަ އެވެ.