ދިވެހި ފުލުހުންގެ ޚިދުމަތުން ޓޯކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން 560 އަށްވުރެ ގިނަ އުޅަނދު ނައްތާލައިފިއެވެ.
މިގޮތުން ފުލުހުން ވަނީ ޓޯވކޮށްފައިވާ އެއްގަމު އުޅަނދުތަކުގެ ތެރެއިން ވެރިފަރާތުން ނުގެންގޮސް ހުރި ގިނަ އަދަދެއްގެ އުޅަނދުތައް މޭ 31 ވަނަ ދުވަހު ނައްތާލައިފައެވެ.
ފުލުހުން ހާމަކުރި ގޮތުގައި މިދިޔަ ހޮނިހިރު ދުވަހު ވަނީ ޖުމުލަ 568 އުޅަނދެއް ނައްތާލައިފައެވެ. އޭގެ ތެރޭގައި ދެފުރޮޅުލީ 524 އުޅަނދާއި ހަތަރު ފުރޮޅުލީ 44 އުޅަނދު ހިމެނެއެވެ.
2024 ވަނަ އަހަރު ޓޯ އޮޕަރޭޝަންތަކުގައި ޖުމްލަ 15،514 އުޅަނދު ޓޯވކޮށްފައިވާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ޓޯކުރި އުޅަނދުތަކުގެ ތެރޭގައި 11،645 ސައިކަލާއި، 2،567 ކާރާއި 478 ޕިކަޕާއި 369 ވޭން އަދި 87 ޓްރަކު ހިމެނެއެވެ. ފުލުހުން ވިދާޅުވީ މިދިޔަ އަހަރު ޓޯކުރި އުޅަނދުތަކުގެ ތެރެއިން 546 އުޅަނދެއް ނައްތާލާފައިވާ ކަމަށެވެ. އަދި 13،562 އުޅަނދު ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.