ދުނިޔޭގެ އެންމެ ވަރުގަދަ އިގްތިސޯދު އޮންނަ އެމެރިކާއަށް ކޮވިޑް-19 ގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކޮށްފައިވަނިކޮށް އިގްތިސޯދު އަލުން އާރާސްތު ކުރުމަށް 850،000 ވަޒީފާ އުފައްދައިފި އެވެ.
މިދިޔަ ޖޫން މަހުގެ ތެރޭގައި މިއަދަދަށް ވަޒީފާތައް އުފެދުމުގެ ސަބަބުން މައްޗަށް ދިޔަ ވަޒީފާ ނެތް މީހުންގެ ރޭޓަށްވެސް ވަނީ ކޮންމެވެސް ވަރެއްގެ އެދެވޭ ބަދަލެއް އައިސްފަ އެވެ. އެގޮތުން މިހާރު އަންއެމްޕްލޯއިމެންޓް ރޭޓު ނުވަތަ ވަޒީފާ ނެތް މީހުންގެ ނިސްބަތް ހުރީ 5.9 އިންސައްތައިގަ އެވެ.
މިދިޔަ މަހު ގިނަ ވަޒީފާތަކެއް އިތުރުވިއިރު އެގައުމުގެ އިގްތިސޯދީ މާހިރުން ވިދާޅުވާ ގޮތުގައި މިއީ ލަފާކުރި ވަރަށްވުރެއް ރަނގަޅު އަދަދެކެވެ. އެހެންނަމަވެސް ކޮވިޑުގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކާއި ހެދި އަދިވެސް އިގްތިސޯދު މުޅިން ހަމައަކަށް ނޭޅޭކަން ފާހަގަކޮށްލެވެ އެވެ.
މިދިޔަ އޭޕްރީލް މަހަކީ އެމެރިކާގައި އެންމެ ގިނަ އަދަދަކަށް ވަޒީފާތައް އުފެއްދި މަހެވެ. އެގޮތުން 9.5 މިލިއަނަށްވުރެއް ގިނަ ވަޒީފާ އޭޕްރީލް މަހު އެކަނިވެސް އުފެއްދި އެވެ.
މިދިޔަ ޖޫން މަހު އެމެރިކާގެ އާބާދީގެ ނިސްބަތުން ވަޒީފާ އަދާކުރާ މީހުންގެ ރޭޓު ހުރީ 61.6 އިންސައްތައިގަ އެވެ. އޭގެ ކުރީ މަހުވެސް މިރޭޓު ހުރީ އެއްވަރެއްގައި ހިފެހެއްޓިފަ އެވެ.
ވަޒީފާތައް އުފެއްދިނަމަވެސް އަދިވެސް ބައެއް އުނދަގޫތައް އެބަ ހުއްޓެވެ. އެގޮތުން އެމެރިކާގައި މަސައްކަތް ކުރާ ގިނަ ބަޔަކު މަސައްކަތަށް ނިކުންނަނީ ދަރިން ކެއާ ޓޭކްކުރާ ތަންތަނާއި ހަވާލުކޮށްފަ އެވެ. އެހެންނަމަވެސް ކޮވިޑް-19 ގެ ނުރައްކާތެރިކަން އޮތުމާއިއެކު ޗައިލްޑް ކެއާ ތަންތަނަށް ކުދިން ހަވާލުކުރަން ގިނަ ބަޔަކު ދެކޮޅު ހަދަ އެވެ. އަނެއްކޮޅުން ބައެއް މީހުން އޮފީސްތަކަށާއި ކާރުހާނާތަކަށް ނިކުމެ މަސައްކަތް ކުރަންވެސް ޖެހިލުން ވެއެވެ.
މިދިޔަ ޖޫން މަހު ވަނީ ވަޒީފާ އަދާކުރާ ފަރާތްތަކުގެ މުސާރަތަކަށްވެސް އެމެރިކާގައި ހެޔޮ ބަދަލުތަކެއް ގެނަސްފަ އެވެ. އެގޮތުން ގަޑިއިރަކަށް ގާތްގަނޑަކަށް 10 ސެންޓްސްގެ އުފުލުމެއް އަމިއްލަ ވިޔަފާރިތަކުން މުސާރަތަކަށް ގެނަ އެވެ. އެއީ ގަޑިއިރަކަށް 30.40 ޑޮލަރުގެ މަގުންނެވެ. އަމިއްލަ ވިޔަފާރީގެ ބައެއް ދާއިރާތަކުގައި މުސާރަ ހުރީ ގަޑިއިރަކަށް 25.68 ޑޮަލަރުގަ އެވެ.