އިންޑިއާއާއި ގުޅޭގޮތުން ދެކެވޭ ވާހަކަތަކުގައި މަގާމުގެ ބާރު ނަހަމަ ގޮތުގައި ބޭނުން ނުކުރަން ވިލިމާލެ ދާއިރާގެ މެމްބަރު، ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މުގައްރިރު އިބްރާހިމް ޝަރީފު (މަވޯޓާ) އަށް ގޮވާލައިފި އެވެ.
އުޝާމް މިފަދައިން ގޮވައިލެއްވީ ރާއްޖޭގެ ބައެއް ނޫސްތަކުން އިންޑިއާއާއި ދެކޮޅަށް ވާހަކަދައްކަމުން ދާތީ އެކަމާއި ކަންބޮޑުވުން ފާޅު ކުރައްވައި ޝަރީފު އިއްޔެ ވާހަކަ ދައްކަވާފައި ވަނިކޮށެވެ.
ޝަރީފު ކުރެއްވި ޓުވީޓަށް ރައްދު ދެއްވަމުން އުޝާމް ވިދާޅުވީ ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނަށް ނުވަތަ އެތަނުގެ އޮފިޝަލުންނަށް ހަމަލާ ދިނުމަށް އެއްވެސް ފަރާތަކުން ގޮވާލާފައި ނުވާ ކަމަށެވެ. އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭތީ އެކަމާ ދެކޮޅަށް ކެމްޕޭނެއް ކުރިއަށް ގެންދިއުމަކީ ހަމަލާއެއް ދިނުމަށް ގޮވާލުން ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އުޝާމް އެދިވަޑައިގެންނެވީ ސޯޝަލް މީޑިއާގައި ފަށާފައިވާ "އިންޑިއާ އައުޓް" ކެމްޕެއިނަށް އެއްބަސް ނުވެވުނަސް ހަގީގަތް އޮޅުވައި ނުލެއްވުމަށެވެ.
ޝަރީފު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންޑިއާގެ ހައި ކޮމިޝަނަށް ހަމަލާ ދޭނެ ކަމަށް ބުނެ ބިރުދެއްކުމަށް ސޯޝަލް މީޑިއާގައި ހިންގަމުން ގެންދާ އަމަލުތައް ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މުގައްރިރުގެ ހައިސިއްޔަތުން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ. އަދި އިންޑިއާއަކީ ރާއްޖެއާއި އެންމެ ގާތް ގުޅުމެއް ބާއްވާ ގައުމުކަމަށް ވުމުން އެގައުމުގެ ޑިޕްލޮމެޓުންނަށް ހަމަލާ ދިނުމަށް ހިތްވަރު ދިނުން ބަލައި ނުގަނެވޭކަމަށް ޝަރީފު ވިދާޅުވި އެވެ.
ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންޑިއާ ހައި ކޮމިޝަންގެ ސެކިއުރިޓީ ވަރުގަދަ ކުރަން ނިންމާފައިވަނީ ރާއްޖޭގައި ހިންގާ އޮންލައިން ނިއުސް "ދިޔަރެސް" އިން އެތަނަށް ހަމަލާ ދޭނެ ކަމަށް ބުނެ ކުރި ޓުވީޓުތަކަކާއި ގުޅިގެން ކަމަށެވެ. އެހެންނަމަވެސް އެފަދަ ޓުވީޓެއް "ދިޔަރެސް" ގެ ރަސްމީ ޓުވިޓާ އެކައުންޓުން ކޮށްފައި ނުވާކަން ފާހަގަކޮށްލެވެ އެވެ.
މީޑިއާތަކަށް ފިޔަވަޅު އެޅުމަށް ގޮވާލައި އިންޑިއާ ހައި ކޮމިޝަނުން ކަމާބެހޭ ފަރާތްތަކުގައި އެދިފައިވާއިރު ވަކި ވަކި ނޫސްވެރިންނަށް ބިރު ދެއްކުމަށްވެސް ދަނީ މަސައްކަތް ކުރަމުންނެވެ. މިމައްސަލަ ބައިނަލްއަގުވާމީ ނޫސްވެރިންގެ ޖަމިއްޔާތަކުގެ ސަމާލުކަމަށްވެސް މިހާރު ވަނީ ގެނަސްފަ އެވެ.