ޅ.އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް ސިވެކްގެ ލޭންޑިންގ ކްރާފްޓް ބަންޑުން ޖަހާލި ހާދިސާގައި ސިފައިންގެ މީހަކު ނިޔާވެފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދޭގޮތުގައި މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރި ސިވެކްގެ "އެލްސީ 308" ލޭންޑިންގ ކްރާފްޓުން ފަސް މީހުން ދަތުރުކުރިއެވެ. އޭގެތެރޭގައި ހިމެނެނީ ތިން ސިފައިންނާއި ދެ ބިދޭސީންނެވެ.
އެ އުޅަނދު، މިއަދު ހެނދުނު 10:30 ހާއިރު ބަންޑުން ޖަހާލި ކަމުގެ މަޢުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފުން ދަނީ ކަނޑުމަގުންނާއި ވައިގެމަގުން އެ އުޅަނދު ލޮކޭޓްކޮށް، އޭގެން ދަތުރުކުރި މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރަމުންނެވެ.
އަދި އުޅަނދުން ދަތުރުކުރި މީހުންގެ ތެރެއިން ގެއްލުނީ ދެމީހެކެވެ. އެމްއެންޑީއެފުން ބުނީ، އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު ފެނިފައިވަކަމަށާއި، އޭނަ ޅ. ނައިފަރު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވަކަމަށެވެ.
ދަތުރުކުރި ބިދޭސީ މީހުންނަކީ ބަންގުލަދޭޝް އަށް ނިސްބަތްވާ މީހުންނެވެ.
ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލީ ކީއްވެކަމެއް އަދި މިހާތަނަށް ސާފެއް ނުވެއެވެ.