އިންޑިއާއާއި ދެކޮޅަށް ރާއްޖޭގައި މިހާރު ކުރަމުންދާ ކެމްޕެއިނާއި ގުޅިގެން އެގައުމުގައި ދިރިއުޅޭ ދިވެހިންނަށް ދަތިތަކާއި ކުރިމަތިލާން ޖެހިދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އޮންނަ އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ހަދަން އިންޑިއާ ސަރުކާރުން ނިންމައި އެކަން އިއުލާން ކުރުމާއި، ހަނިމާދޫގެ ބިމުގެ ބޮޑު ބައެއް އިންޑިއާއިން ނަގަން އުޅޭ ކަމަށް ވާހަކަ ދެކެވުމާއި ގުޅިގެން އިންޑިއާގެ ނުފޫޒުން ރާއްޖެ ސަލާމަތް ކުރަން ގޮވާލައި ސޯޝަލް މީޑިއާގައި ވަނީ ބޮޑު ކެމްޕެއިނެއް ފަށައިފަ އެވެ. ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި އިންޑިއާ ސިފައިން ތިބޭތީ އެކަމާއި ދެކޮޅަށްވެސް ދަނީ އަޑު އުފުލަމުންނެވެ.
މިމައްސަލައިގައި މޫސަ ވިދާޅުވީ 3 ނޮވެމްބަރުގެ އުދުވާނަށްފަހު ހަތިޔާރާއިއެކު އިްނޑިއާ ސިފައިން ރާއްޖޭގައި އެތައް ދުވަހަކަށްފަހު ތިބެފައި ދިޔައިރު ދިވެހިން އެމީހުންނާއި ހަނގުރާމަ ނުކުރާ ކަމަށެވެ. އަދި އޭގެ ފަހުން 2010 ވަނަ އަހަރު ހެލިކޮޕްޓަރު ހިފައިގެން އިންޑިއާ ސިފައިން ރާއްޖެ އައީވެސް ސަރުކާރުގެ ހުއްދަ އޮވެގެން ކަމަށެވެ. އޭރު އެމީހުން ތިބީ ލ. ގަމުގައި ކަން މޫސަ ފާހަގަކުރެއްވި އެވެ.
"ސަރުކާރުން ވައްޓަން ދައްކަން އެހެން ވާހަކަތަކެއް ރަނގަޅީ. ދިވެހިންގެ ފުދޭވަރެއްގެ އާބާދީއެއް އިންޑިއާގަ ދިރިއުޅޭއިރު މިތާންގެ ބަޔަކު ކުރާ ކަމަކުން މިގައުމުގެ ބަޔަކަށް އިންޑިއާގަ ދަތިތަކާ ކުރިމަތިލާންޖެހުން އެއީ ގާނޫނު އަސާސީގަ އެމީހުންނަށް ލިބޭ ހައްގަށް އަރައިގަތުން"
- މޫސާ މަނިކު
މޫސަ ވިދާޅުވީ ޕީޕީއެމް ވެރިކަމުގައި އޮތްއިރު އެމްޑީޕީގެ ބައެއް މެމްބަރު ޗައިނާއަށް ރައްދުވާގޮތަށް އެއްޗެހި ކިޔުމުން އެކަމާއި ދެކޮޅަށް ހުދު އޭނާވެސް ވަކާލާތު ކުރި ކަމަށެވެ. އިންޑިއާ އާވެސް ޒާތީވެގެން އެއްޗެހި ގޮވުން ރަނގަޅު ނޫން ކަމަށް މިއަދުވެސް ދަންނަވާކަމަށް އޭނާ ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބައެއް ބޮޑު ޕްރޮޖެކްޓުތައް ޗައިނާގެ ކުންފުނިތަކަށް ދީ ޗައިނާ ސަރުކާރާއި ގާތް ގުޅުމެއް ބާއްވާތީ އޭރު އިދިކޮޅުގައި އޮވެ އެމްޑީޕީން ވަރަށް ބޮޑަށް ފާޑު ކިޔެވެ.
މިއަދު އިދިކޮޅުގައި އޮތް ޕީޕީއެމްއިން ބުނަނީ އިންޑިއާއިން ލޯނު ނެގުމާއި އިންޑިއާގެ ކުންފުނިތަކަށް ޕްރޮޖެކްޓުތައް ދިނުމަކީ މައްސަލައަކަށް ނުވިޔަސް ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާ ވާފަދަ އެގްރީމެންޓުތައް ހަދައި އިންޑިއާ ސިފައިން މިތަނުގައި ބޭއްތިއްބުމާއި ދެކޮޅު ކަމަށެވެ.
މޫސަ ވިދާޅުވީ ޗައިނާއާއި އިންޑިއާއާ ދެގައުމަކީވެސް ރާއްޖޭގެ ގާތް ދެގައުމު ކަމަށެވެ. އަދި ކޮންމެ ވެރިކަމެއް އަޔަސް ދެގައުމާވެސް ގުޅުން ބާއްވާނެކަމަށް އޭނާ ވިދާޅުވި އެވެ.