ޓްރެފިކް މޮނިޓަރސް ޕްރޮގްރާމް މިހާތަނަށް 3628 ދަރިވަރުން ފުރިހަމަކޮށްފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވެއްޖެއެވެ. ކޮމިޝަނަރ އޮފް ޕޮލިސް މިހެން ވިދާޅުވީ ށ. މިލަންދޫގައި ބޭއްވި ޓްރެފިކް މޮނިޓަރސް ޕްރޮގްރާމްގެ 115 ވަނަ ބުރު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ކޮމިޝަނަރ ވިދާޅުވީ ޓްރެފިކް މޮނިޓަރސް ޕްރޮގްރާމަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ނަގަހައްޓާ ޖީލެއް ބިނާކުރުން ކަމަށެވެ.
މި ރަސްމިއްޔާތުގައި ސީޕީ ވަނީ ޓްރެފިކް މޮނިޓަރުން މަގުމަތީގައި ނަމޫނާ ދައްކާނެކަމަށް ވިދާޅުވެ، މިފަދަ ޕްރޮގްރާމްތައް މެދުވެރިކޮށް ޒުވާނުން ބާރުވެރިކުރުވުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވައިލައްވާ ވާހަކަ ދައްކަވާފައެވެ.
ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ، ޓްރެފިކް މޮނިޓަރސް ޕްރޮގްރާމަކީ އެއްގަމު ދަތުރުފަތުރު ގާނޫނާއި ގަވާއިދުތަކަށް ދަރިވަރުން އަހުލުވެރިކުރުމަށް، އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ނަގަހައްޓާ ޖީލެއް ބިނާކުރުމުގެ މަގްސަދުގައި ފެށިފައިވާ ޕްރޮގްރާމެއް ކަމަށެވެ. މަގުމަތީގައި ހިނގާ އެކްސިޑެންޓްތައް މަދުކުރެވޭނީ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމާއި އެހީތެރިކަމާ އެކުގައިކަން ފާހަގަކުރައްވަމުން، މިހާތަނަށް 3628 ދަރިވަރުން މި ޕްރޮގްރާމްގެ ދަށުން ތަމްރީން ކުރެވިފައިވާކަން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ފާހަގަކުރެއްވިއެވެ.
މިއީ ފުލުހުންނާއި ގުޅިގެން ސްކޫލް ކުދިންނަށް ހިންގޭ އެކްސްޓްރާކަރިކިއުލަރ އެކްޓިވިޓީއެއްގެ ގޮތުގައި ފެއްޓެވި ޕްރޮގްރާމެކެވެ. އޭރު ބެލެނިވެރިންނާއި ޓީޗަރުންގެ ފަރާތުން ކޮންމެވެސް ވަރެއްގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، އެކަންކަން މަޝްވަރާކޮށް ވާހަކަ ދައްކައިގެން ހައްލުކުރެވި، މިއަދު މި ޕްރޮގްރާމް މިވަނީ ކާމިޔާބު ޕްރޮގްރާމަކަށް ވެފައި ކަމަށް ސީޕީ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ވަނީ، މި ޕްރޮގްރާމް މިހާ ފުރިހަމަކޮށް ބޭއްވުމަށް އެހީތެރިވެދެއްވި ށ. އަތޮޅު ކައުންސިލާއި މިލަންދޫ ކައުންސިލާއި ރައްޔިތުންނަށް، އަދި ސްކޫލްތަކުގެ ދަރިވަރުންނާއި ޓީޗަރުންނާއި ސްކޫލްގެ ސީނިއަރ މެނޭޖްމަންޓަށް ޝުކުރު ދަންނަވާފައެވެ.