މި ސަރަހައްދުގައި ޤާނޫނާއި ގަވައިދާ ޚިލާފަށް މަސްވެރިކަން ކުރުން ހުއްޓުވުމަށް ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމަށް އެމެރިކާއާއި ރާއްޖެއާއި ދެމެދު މަޝްވަރާކޮށްފި އެވެ.
އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހޫގޯ ޔޫ-ހޯ ޔޮން އިއްޔެ ވަނީ މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމްގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވާފަ އެވެ. މި ޒިޔާރަތުގައި ދެ ގައުމު ގުޅިގެން މަސްވެރިކަމުގެ ދާއިރާގައި ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭ ގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފަ އެވެ.
މަސްވެރިކަމުގެ ދާއިރާގައި ދެ ގައުމުގެ އެއްބާރުލުން ހަރުދަނާކުރުމާއި، އިންވެސްޓްމަންޓް ފުރުސަތުތައް ހޯދުމާ ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ.
މީގެއިތުރުން މި ސަރަހައްދުގައި ގަވައިދާ ހިލާފަށް، މަސްވެރިކަން ކުރުން ހުއްޓުވުމަށް ދެ ގައުމު ގުޅިގެން ކުރެވެންހުރި މަސައްކަތްތައް އިތުރުކުރުމާ ބެހޭ ގޮތުންވެސް މަޝްވަރާ ކުރެއްވި އެވެ.