ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދަވާފައިވާ އެސްއެމްއީ ޑިވޮލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގައި އޮންނަ ސަރުކާރުގެ ހިއްސާ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ވިއްކާލުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނީ ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމެވީ އެސްޑީއެފްސީގެ ހިއްސާ ގަތުމުގެ ޝައުގުވެރިކަން ފާޅުކޮށް ބޭންކް އޮފް މޯލްޑިވްސްއިން ހުށަހަޅާފައިވާ ޕްރޮޕޯސަލަކާ ގުޅިގެން، މިކަމުގެ ސަބަބުން އަންނާނެ ހެޔޮ ބަދަލުތަކާމެދު ފިނޭންސް މިނިސްޓްރީން ހުށަހަޅުއްވާފައިވާ ދިރާސާ ކަރުދާހަށް ވަޒީރުން މަޝްވަރާކުރެއްވުމަށް ފަހު ކަމަށެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނުދޫކުރުމަކީ ހުއްޓުމެއްނެތި އަބަދުވެސް ކުރިއަށް ގެންދިއުމަށް ސަރުކާރުން ބޭނުންވާ ކަމަކަށް ވާތީ، އެސްޑީއެފްސީގެ ހިއްސާ ބޭންކް އޮފް މޯލްޑިވްސްއަށް ވިއްކާލެއްވުމުން، އެ ބޭންކުގެ މާލީ ގާބިލްކަމުގެ ތެރެއިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހުއްޓުމެއްނެތި އަބަދުވެސް ލޯނު ލިބެމުން ދާނެ ކަމަށް ވަޒީރުންނަށް ފެނިވަޑައިގަންނަވާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
އެސްޑީއެފްސީ ގަތުމަށްފަހު، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފުރަތަމަ އަހަރު 500 މިލިއަން ރުފިޔާގެ ލޯން އަދި ފަސް އަހަރުގެ ތެރޭގައި 1.9 ބިލިއަން ރުފިޔާގެ ލޯން ދޫކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ހުށަހަޅާފަ އެވެ. އަދި ބިޒްނަސް ސްޓާޓްއަޕްސްތަކަށް އަމާޒުކޮށްގެން ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި 300 މިލިއަން ރުފިޔާ ދޫކުރުމަށްވެސް ވަނީ ނިންމާ އެވެ.
ރައީސް އޮފީހުން ބުނީ ބޭންކް އޮފް މޯލްޑިވްސްއިން އެސްޑީއެފްސީ ގަތުމަށްފަހު، އެސްޑީއެފްސީ ހިންގާނީ ޝަރީއާގެ އުސޫލުން މާލީ މުއާމަލާތްތައް ކުރާ އިސްލާމިކް ފައިނޭންސް އިންސްޓިޓިއުޓެއްގެ ގޮތުގައި ޑިޖިޓަލް ބޭންކިންގެ ނިޒާމުގެ ތެރެއިން ކަމަށެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ދަށުން ހިނގަމުންދާއިރުވެސް، އެސްޑީއެފްސީއިން ކުދި އަދި މެދުފަންތީގެ ލޯންތައް ދޫކުރަމުން ދާނީ މިހާރުގެ އިންޓަރެސްޓް ރޭޓްތަކަށް ވުރެ ބޮޑުނުވާ ގޮތަށް ކަމަށެވެ. އަދި މާލީ މުއާމަލާތްތައް ބައްޓަން ކުރަމުންދާނީ، ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކޮށްދީ، ވިޔަފާރިތަކުގެ މާލީ ގާބިލުކަމާއި ތިޔާގިކަން އިތުރުކުރެވޭނެ ގޮތަށް ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.
ވަޒީރުންގެ މަޖިލީހުގެ މިއަދުގެ މި ނިންމެވުމާ އެއްގޮތަށް ކަންކަން ހަމަޖެހިގެން ދިއުމުން، ބޭންކް އޮފް މޯލްޑިވްސްގެ ނެޓްވޯކް މެދުވެރިކޮށް މުޅިރާއްޖެއަށް އެސްއެމްއީ ޑިޖިޓަލް ފައިނޭންސިންގެ ހިދުމަތް ފުޅާވެގެން ދާނެއެވެ. އަދި އެސްޑީއެފްސީގެ ސިސްޓަމްތައް ޑިޖިޓަލައިޒްކޮށް އޮޓޮމޭޓްކުރުމުން، މެނުއަލް މަސައްކަތްތައް މަދުވެ، ލޯންތައް ޕްރޮސެސްކުރުން އަވަސްވެ، މުޅި އެސްޑީއެފްސީގެ އެފިޝަންސީ ރަނގަޅުވާނެ ކަމަށް ސަރުކާރުން ދެކެ އެވެ.