ފައިނޭންޝަލް ލިޓަރަސީ އަދި އިސްލާމީ ފައިނޭންސް އާ ބެހޭ ހޭލުންތެރިކަން އިތުރުކުރުމަށް އެމްއެމްއޭއިން ތަމްވީލް ފިންލިޓް ފެސްޓް 2025 ތަޢާރަފުކޮށްފިއެވެ.
މިއީ ރާއްޖޭގައި ފައިނޭންޝަލް ލިޓަރަސީ، ޒިންމާދާރު ގޮތެއްގައި ފައިސާ މެނޭޖްކުރުން، އަދި އިސްލާމިކް ފައިނޭންސްއާ ބެހޭ ހޭލުންތެރިކަން އިތުރުކުރުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ. މި ފެސްޓިވަލްގެ މަޤްޞަދަކީ ދަރިވަރުންނާއި، ޒުވާނުންނާއި، އަދި މުޅި މުޖުތަމަޢު ބައިވެރިވުން ހިމެނޭގޮތަށް އިސްލާމީ ފައިނޭންސަށް ފަރިތަ މުޖުތަމަޢެއް ބިނާކުރުމެވެ.
އެމްއެމްއޭ ތަމްވީލް ފިންލިޓް ފެސްޓިވަލް އިފްތިތާހުކޮށްދެއްވީ އެކަމަށް ޚާއްސަކޮށްގެން ބޭއްވި ހަފްލާއެއްގައި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އިސްމާއިލް ޝަފީޢުއެވެ. މިނިސްޓަރުގެ ވާހަކަފުޅުގައި މާލީ ގޮތުން ހޭލުންތެރި މުޖުތަމައެއް ބިނާކުރުމުގެ މުހިންމުކަމަށް އަލި އަޅުވާލެއްވިއެވެ.
މި ފެސްޓިވަލްގައި މައިގަނޑު ހަ ހަރަކާތެއް ހިމެނެއެވެ. އެއީ؛
މި ހަރަކާތްތަކުގައި އުފެއްދުންތެރިކަމާއި، އައު އިޖާދީ ވިސްނުމާއި، އައު ގޮތްތައް ހޯދުމަށް މަގުފަހިކުރުމުގެ އިތުރުން، ފައިނޭންސް މެނޭޖުކުރުމަކީ ހަމައެކަނި ފަންނީ ހުނަރަކަށްވުރެ ބޮޑަށް އިޖުތިމާޢީ އަދި އިޤްތިޞާދީ ބަދަލު ގެނައުމުގެ ވަސީލަތެއްގެ ގޮތުގައި ދެކުމަށް ބައިވެރީންނަށް އުނގަންނައިދެވޭނެއެވެ.
އެމްއެމްއޭ ތަމްވީލް ފިންލިޓް ޗެލެންޖަކީ ލީގެއްގެ އުސޫލުން ކުރިއަށްގެންދާ ކުއިޒް މުބާރާތެއް ކަމަށް އެމްއެމްއޭ އިން މައުލޫމާތުދެއެވެ. މި މުބާރާތް އަމާޒުކުރެވިފައިވަނީ 18 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. މި މުބާރާތުގައި ފައިސާ ރައްކާކުރުމާއި، ބަޖެޓް ހެދުމާއި، ހަލާލު އިންވެސްޓްކުރުމާއި، ރިސްކް ޙިއްޞާކުރުމާއި، އަދި އިސްލާމިކް ފައިނޭންޝަލް ނިޒާމުގެ އަސާސްތަކާ ބެހޭ މަޢުލޫމާތު ޓެސްޓުކުރެވޭނެއެވެ. މި ޗެލެންޖްގެ މަޤްޞަދަކީ ބައިވެރިންނަށް ޢަމަލީ ދިރިއުޅުމުގައި ބޭނުންކުރެވޭނެ ހުނަރުތައް ދަސްކޮށްދިނުމާއެކު، ޝައުޤުވެރިކަމާއެކު ދަސްކުރުމުގެ މާޙައުލެއް ޤާއިމުކުރުން ކަމަށް އެ އޮތޯރިޓީން މައުލޫމާތުދެއެވެ.
ހަމައެހެންމެ، އިކޮންކުއެސްޓް ބަހުސް މުބާރާތުގައި 16 އަހަރާއި 25 އަހަރާ ދެމެދުގެ ބައިވެރިންނަށް މުހިންމު އިޤްތިޞާދީ މައްސަލަތަކާ ބެހޭގޮތުން ޢިލްމީ ހެކިތަކުގެ މައްޗަށް ބިނާކޮށް ބަހުސްކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. ދެމެހެއްޓެނިވި ތަރައްޤީއާއި، ވަށައިޖެހޭ މުޖުތަމަޢުއެއް ބިނާކުރުމާއި، ދުނިޔޭގެ އިޤްތިޞާދީ ކުރިއެރުންތަކާ ހަމައަށް، ޒުވާން ބަހުސްވެރިންނަށް ޤައުމީ އަދި ބައިނަލްއަޤްވަމީ ދުނިޔޭގެ ގޮންޖެހުންތަކަށް އައު ޙައްލުތައް ހުށަހެޅުމުގެ ފުރުޞަތު ލިބި، އެމީހުންގެ މަދަނީ ހޭލުންތެރިކަމާއި ވިސްނުން ވަރުގަދަވެގެންދާނެއެވެ.
އިސްލާމީ ފައިނޭންސިންގ ގައި އައު ގޮތްތައް ހޯދުމަށް ހިތްވަރުދިނުން
ފެސްޓިވަލްގެ މައިގަނޑު އެއް ހަރަކާތްކަމުގައިވާ އިމްޕެކްޓް ޕިޗް ޗެލެންޖް ފަރުމާކުރެވިފައިވަނީ ދިވެހިރާއްޖޭގައި ފައިނޭންޝަލް ލިޓަރަސީ ކުރިއެރުވުމަށް ޝަރީޢާއާ އެއްގޮތްވާ އައު ޙައްލުތައް ހޯދުމަށެވެ. 18 އަހަރުން މަތީގެ ބައިވެރިންނަށް ހުޅުވާލެވިފައިވާ މި ޗެލެންޖްގައި ތިން މައިގަނޑު ދާއިރާއަކަށް އަމާޒުކުރެވޭނެއެވެ. އެއީ ފައިނޭންޝަލް ލިޓަރަސީ ޓޫލްތައް ތައްޔާރުކުރުމާއި، ޚިދުމަތް ނުލިބޭ މުޖުތަމަޢުތަކަށް އެކުލެވޭ މާލީ ޙައްލުތައް އުފެއްދުމާއި، އަދި ފިންޓެކްގެ ޒަރީޢާއިން އިސްލާމީ ފައިނޭންސްގައި އައު ގޮތްތައް ހޯދުމެވެ.
ޝޯޓްލިސްޓްކުރެވޭ ބައިވެރިން، 15 ނޮވެމްބަރު 2025 ގައި އޮންނަ ބޫޓްކޭމްޕެއްގައިބައިވެރިންގެ ޚިޔާލު (އައިޑިއާ) ހުށަހެޅުމަށް ފުރުސަތު ލިބޭނެއެވެ. ކާމިޔާބުކުރާ ފަރާތްތަކަށް 30,000 ރުފިޔާއާ ހަމައަށް ފައިސާގެ އިނާމުގެ އިތުރުން، ވިޔަފާރި ފަންޑިންގ، ކާމާގުޅޭ ފަރާތްތަކާއެކު މަސައްކަތްކުރުމުގެ ފުރުޞަތު، އަދި ތަމްރީނު ޕްރޮގުރާމުތަކުގެ ފުރުސަތު ލިބިގެންދާނެއެވެ.
އުފެއްދުންތެރިކަމާއި ހޭލުންތެރިކަން އިތުރުކުރުމަށް އިސްކަންދިނުން.
މި ފެސްޓިވަލްގައި އުފެއްދުންތެރި އަދި ބިނާކުރަނިވި ޚިޔާލުތައް ފާޅުކުރުމުގެ ފުރުސަތުވެސް ހިމެނެއެވެ. ފިއުޗަރ ފައިނޭންސް މަޒުމޫނު މުބާރާތުގައި، ސްކޫލް ދަރިވަރުންނަށް އެކުދީންގެ ވިސްނުމުގައި މާލީ ދާއިރާއާ ދެތޭރޭ އޮތް ތަސައްވަރު ހާމަކުރުމަށް ފުރުސަތު ލިބިގެންދާނެއެވެ. ވެލިއުސް އެންޑް ވިޝަން އާޓް ޝޯކޭސްގައި ޒުވާން ކުރެހުންތެރިންނަށް ހަމަހަމަ މާލީ ނިޒާމެއްގެ މުސްތަޤްބަލެއް ކުރެހުމުގެ ޒަރީޢާއިން ދައްކުވައިދިނުމަށް ފުރުސަތު ހުޅުވާލާފައިވާނެއެވެ.
ޑިޖިޓަލް ދާއިރާގެ ހުނަރުތައް ދެއްކުމަށްޓަކައި ފެސްޓިވަލްގެ ވީޑިއޯ ޗެލެންޖްގައިބައިވެރިވުމަށްވެސް އެމްއެމްއޭގެ ފިންލިޓް ފެސްޓިވަލްއިން ވަނީ ފުރުސަތު ހުޅުވާލާފައެވެ. މުބާރާތުގެ ބައިވެރިން 15 ސިކުންތާއި 60 ސިކުންތާ ދެމެދުގެ ވީޑިއޯތައް ހަދައިގެން ފައިނޭންޝަލް ލިޓަރަސީ އަދި އިސްލާމިކް ފައިނޭންސްއާ ބެހޭ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާނެއެވެ.
މާލީގޮތުން ހޭލުންތެރި ޤައުމެއް ބިނާކުރުން
އެމްއެމްއޭ އިން ބުނާގޮތުގައި، ތަމްވީލް ފިންލިޓް ފެސްޓްއަކީ އަދުގެ މާލީ މާޙައުލެއްގައި ކަންކަން ކުރިއަށްގެންދިއުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރު ދިވެހިންނަށް، ޚާއްޞަކޮށް ޒުވާނުންނަށް ދިނުމަށް އެ މުއައްސަސާއިން ކުރާ މަސައްކަތުގެ ތަޞައްވުރެކެވެ. މި ފެސްޓިވަލްގެ މަޤްޞަދަކީ މާލީގޮތުން ޒިންމާދާރު، އަގުހުރި ސިފަތަކެއްލިބިފައިވާ އައު ޖީލެއް ބިނާކުރުންކަމުގައިވެސް އެމްއެމްއޭއިން ހާމަކުރެއެވެ. މި ފެސްޓިވާލާއި ބެހޭ އެއްމެ ފަހުގެ މައުލޫމާތުތައް މިކަމަށް ޚާއްސަކޮށްގެން ހަދާފައިވާ ވެބްސައިޓުންނާއި އަދި އެމްއެމްއޭގެ ސޯޝަލް މީޑިއާ ހެންޑަލްސްތަކުން ފޯރުކޮށްދޭނެކަމަށްވެސް އެއޮތޯރިޓީން ހާމަކުރެއެވެ.