ރާއްޖޭގައި ކެމިކަލްތަކާއި ކުނި މެނޭޖްކުރުން ހަރުދަނާކުރުމަށް ބޭނުންވާ މުއައްސަސީ ގާބިލުކަން އިތުރުކޮށް، ކެޕޭސިޓީ ބިލްޑިންގ މަޝްރޫޢުގެ ދަށުން، ކެމިކަލްސް މެނޭޖްމަންޓް ކޮންސަލްޓަންޓް އެސްޕްލޭން ޕްރައިވެޓް ލިމިޓެޑާއެކު ފުރަތަމަ ވޯކްޝޮޕް ބާއްވައިފިއެވެ.
ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ސަރުކާރުގެ އަދި ޕްރައިވެޓް ސެކްޓަރުގެ ކަމާބެހޭ ފަރާތްތަކުގެ ބައިވެރިވުމާއިއެކުގައި ބޭއްވި މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ، ނުރައްކާތެރި ކެމިކަލްތައް މެނޭޖްކުރުމާ ގުޅޭގޮތުން ސަރުކާރުގެ ވުޒާރާތަކާއި މުއައްސަސާތަކުގެ ޓެކްނިކަލް ގާބިލުކަން ވަރުގަދަކޮށް، އެފަރާތްތަކުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމަށް އެހީތެރިވުމެވެ.
މި މަޝްރޫޢުގެ ދަށުން، ކެމިކަލް މެނޭޖްމަންޓުގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ ތަމްރީނުތަކާއި، އާ އުކުޅުތަކާއި، ވަސީލަތްތައް ފޯރުކޮށްދެވޭނެ ކަމަށް އެ ވުޒާރާއިން ބުންޏެވެ.
މިއީ ރާއްޖޭގެ ތިމާވެށްޓާއި ރައްޔިތުންގެ ސިއްހަތު ރައްކާތެރިކުރުމަށްޓަކައި، ކެމިކަލްތަކާއި ކުނި ރަނގަޅަށް މެނޭޖްކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ.