މިނިސްޓްރީ އޮފް ހެލްތުން ދިވެހިރާއްޖޭގައި އާންމުކޮށް ފެންނަ ގައިނިކޮލޮޖިކަލް ދެ ބައްޔެއް ކަމުގައިވާ ޕޮލިސިސްޓިކް އޮވަރީ ސިންޑްރޯމް (ޕީސީއޯއެސް) އަދި އެންޑޮމެޓްރިއޯސިސް އަވަހަށް ދެނެގަނެ، ފަރުވާދިނުމަށް ޤައުމީ މިންގަނޑުތަކެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ.
ހެލްތު މިނިސްޓްރީން ވަނީ މި ގައިޑްލައިން އެކުލަވާލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބިޑަށް ހުޅުވާލާފައެވެ.
ހެލްތު މިނިސްޓްރީން ކުރި އިއުލާނާއިއެކު އާއްމުކޮށްފައިވާ މައުލޫމާތު ކަރުދާހުގައި ބުނެފައިވާ ގޮތުގައި މި ދެ ބައްޔަކީ އަންހެނުންގެ މެދުގައި އާންމުކޮށް ފެންނަ ބަލިތަކެއް ނަމަވެސް، ގިނަ ފަހަރަށް ދެނެގަތުން ލަސްވާ ބަލިތަކެކެވެ. ޕީސީއޯއެސްއަކީ ދިވެހިރާއްޖޭގައި ދަރިމައިވުމަށް ދަތިވުމުގެ މައިގަނޑު ސަބަބު ކަމުގައި ފާހަގަކުރެވޭއިރު، އެންޑޮމެޓްރިއޯސިސްއަކީ ދިރިއުޅުމުގެ ފެންވަރަށާއި ދަރިމައިވުމުގެ ޞިއްޙަތަށް ބޮޑެތި އަސަރުތަކެއް ކުރާ ބައްޔެއް ކަމަށް ވެސް މައުލޫމާތު ކަރުދާހުގައި ބުނެފައި ވެއެވެ.
މިނިސްޓްރީން މި މިންގަނޑުތައް އެކުލަވާލުމުގެ މައިގަނޑު މަޤްޞަދަކީ ބަލި ދެނެގަތުމަށް ހޭދަވާ ވަގުތު މަދުކޮށް، ފަރުވާގެ މިންގަނޑުތައް އެއްގޮތްކޮށް، ޞިއްޙީ ނަތީޖާތައް ރަނގަޅުކުރުން ކަމަށާއި މީގެ އިތުރުން ގައިޑްލައިންގެ ދަށުން ހުރިހާ ފެންވަރެއްގެ ޞިއްޙީ ޚިދުމަތްތެރިންނާއި އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށްވެސް މަސައްކަތް ކުރެވޭނެ ކަމަށް މައުލޫމާތު ކަރުދާހުގައި ބުނެފައި ވެއެވެ.
މި މަސައްކަތް ކުރުމަށް ހޮވޭ ފަރާތުން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި މިހާރު ޤައުމީ ފެންވަރުގައި ބަލި ދެނެގަތުމާއި ފަރުވާދިނުމުގެ ނިޒާމު މުރާޖަޢާކުރުމާއި، ބައިނަލްއަޤްވާމީ އުޞޫލުތައް ދިރާސާކުރުން ހިމެނެއެވެ. އަދި މަޞްލަޙަތު އޮތް ފަރާތްތަކުގެ މެދުގައި ބައްދަލުވުންތައް ބޭއްވުމާއި، ޞިއްޙީ ޚިދުމަތްތެރިންނަށް އޮރިއެންޓޭޝަން ސެޝަންތައް ހިންގުންވެސް ހިމެނެއެވެ.
މިނިސްޓްރީން މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް 20 އޮގަސްޓް 2025 ގެ ނިޔަލަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 26 އޮގަސްޓް 2025 ގައި ކަމަށް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.
ގައިޑްލައިން ތައްޔާރުކުރަން ހަމަސް ދުވަހުގެ މުހުލަތެއް ލިބޭނެއެވެ.