ކޮވިޑް-19 ވެކްސިން ފުރިހަމަ ކުރި މީހުން ދެހަފްތާ ފުރިހަމަ ކުރުމުން ކަރަންޓީނު ވުމަކާއި ނުލައި ރަށްރަށަށް ދަތުރު ކުރެވޭގޮތަށް އުސޫލުތަކަށް ބަދަލު ގެނަސްފި އެވެ.
މާދަމާއިން ފެށިގެން އަމަލު ކުރާ އެ އުސޫލުތަކުގައި ވާގޮތުން ވެކްސިން ފުރިހަމަ ކުރިނަމަވެސް 48 ގަޑިއިރު ހަމަނުވާ ޕީސީއާރު ޓެސްޓުގެ ނެގެޓިވް ނަތީޖާ އޮންނަން ޖެހެ އެވެ. އަދި ދަތުރު ކުރެވޭނީ މޮނިޓަރިންގައި ނެތް ރަށްރަށަށެވެ.
އަޟްހާ އީދު ބަންދާއި ދިމާކޮށް މި ލުއި ދިންނަމަވެސް މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން ވެކްސިން ފުރިހަމަ ކޮށް ދަތުރު ކުރެވޭ އުސޫލުތަކެއް ވަނީ ކަނޑައަޅައިފަ އެވެ. އެގޮތުން އެ ފަރާތްތަކަށް ކަރަންޓީނުވުމަކާއި ނުލައި ދަތުރު ކުރެވޭނީ މި ސަރަަހައްދުގައި ބައްޔަށް ޕޮޒިޓިވްވާ ރޭޓު ފަސް އިންސައްތައަށްވުރެއް ދަށުގައި ހުންނަ ނަމައެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ މާލެ ސަރަހައްދުގައި ޕޮޒިޓިވްވާ ރޭޓު ފަސް އިންސައްތަ އާއި 10 އިންސައްތައާއި ދެމެދު ހުރެއްޖެ ނަމަ 7 ދުވަހުގެ ކަރަންޓީނެއް ވާން ޖެހޭނެ ކަމަށެވެ. އަދި އެއަށްވުރެއް މައްޗަށް ޕޮޒިޓިވް ރޭޓު ގޮސްފިނަމަ 14 ދުވަސް ކަރަންޓީނުގައި ފުރިހަމަ ކުރަންޖެހޭނެ ކަމަށް މަބުރޫކު ވިދާޅުވި އެވެ.
މިހާރު މާލެ ސަރަހައްދުގެ ޕޮޒިޓިވް ރޭޓު އުޅެނީ ފަސް އިންސައްތައަށްވުރެއް ދަށުގަ އެވެ. އެހެންކަމުން މާދަމާއިން ފެށިގެން ކަރަންޓީނު ނުވެ މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަަށް މޮނިޓަރިންގައި ނެތް ރަށްރަށަށް ދަތުރު ކުރެވޭނެ އެވެ. އަދި އެހެން ރަށްރަށުންވެސް މޮނިޓަރިން ހާލަތުގައި ނެތްނަމަ ކަރަންޓީނު ނުވެ ދަތުރު ކުރެވޭނެ އެވެ.
މިމަހުގެ 20 ވަނަ ދުވަހު އަންނަ އަޟްހާ އީދު ދުވަހާއި ދިމާކޮށް ކޮވިޑް ފިޔަވަޅުތަކަށް ލުއި ދިނުމާއިއެކު ގިނަ ބަޔަކު ދަތުރު ކުރާނެ ކަމަށް ބެލެވެ އެވެ.