ކޮވިޑް-19 ގެ ސަބަބުން މާލެ ސަރަހައްދުގައި މިހާރު ހިންގަމުން އަންނަ ކާފިއު މާދަމާއިން ފެށިގެން އުވާލަން ނިންމައިފި އެވެ.
މިހާރު މާލެ ސަރަހައްދުގައި ދަނީ ރޭގަނޑު 8:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގަމުންނެވެ. އެހެންނަމަވެސް މާދަމާއިން ފެށިގެން އެވަގުތުތަކުގައި ކާފިއު ނުހިންގާނެ އެވެ.
މިއާއެކު މާލެ ސަރަހައްދުގެ ވިޔަފާރިތައްވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއިއެކު އާންމު ހިދުމަތްދޭ ވަގުތުތަކުގައި ހުޅުވާލެވޭނެ އެވެ. އޭގެ ތެރޭގައި ކެފޭ ރެސްޓޯރެންޓުތައްވެސް ހިމެނެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ މާލެ ސަރަހައްދުގެ ކާފިއު އުވައިލަން ނިންމުމާއިއެކު ވިޔަފާރިތަކަށް އާންމު އުސޫލުން ހުޅުވައިލި ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން ވަރަށް މުހިންމު ކަމަށެވެ. މީގެ އިތުރުން އެއްވެ އުޅުމާއި ޕާޓީތައް ބޭއްވުމުގައި 30 މީހުންނަށްވުރެއް އިތުރު ނުކުރުމަށް އުސޫލުގައި ވަނީ ހިމަނައިފަ އެވެ.
މިއަދު އެކުލަވައިލި އުސޫލުގައި މާލެ ސަރަހައްދުގެ ސިނަމާތައް ހުޅުވަންވެސް ވަނީ ހުއްދަ ދީފަ އެވެ. ސިނަމާތައް ހުޅުވި ނަަމަވެސް އެތަންތަނުގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ޖެހޭނެ އެވެ. އެކަމަށްޓަކައި ހާއްސަ ގައިޑްލައިނެއް ވަނީ އެކުލަވާލައިފަ އެވެ.