މޯލްޑިވްސް މީޑިއާ އެންޑް ރެގިއުލޭޝަން ބިލަށް ވޯޓަށް އަހާ ޖަލްސާ މިއަދު ހަވީރު ބާއްވަން މަޖިލީހުގެ އިދާރާއިން ނިންމައިފި އެވެ.
ދައުރުން ބޭރުން މިއަދު ޖަލްސާއެއް ބައްވާކަން އިއްޔެ މަޖިލީހުގެ އިދާރާއިން އިއުލާންކުރި އެވެ. އަދި އެކަމާ ގުޅިގެން ނޫސްވެރިން ހެނދުނެއްސުރެން މަޖިލިސް އިދާރާގައި ކައިރީގައި މުޒާހަރާ ކުރަމުން ދިޔަ އިރު، ޖަލްސާގެ ބާއްވާނެ އިރެއް އިއުލާންކޮށްފައެއް ނުވެ އެެވެ.
މެންބަރުންނަށް ފޮނުވި މެސެޖެއްގައި ރައްޔިތުންގެ މަޖިލީހުން ބުނީ، މި ޖަލްސާ އޮންނާނީ ހަވީރު 4:00 ގައި ކަމަށާއި، އެޖެންޑާ ފަހުން ހިއްސާކުރާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ޖަލްސާއެއް ބާއްވަން ތަވާލުކުރާ ވަގުތުގެ ހަ ގަޑިއިރު ކުރިން އެޖެންޑާ ފޮނުވަން ޖެހެ އެވެ.
ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުން އަންނަ މީޑިއާ ބިލް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އިއްޔެ ވަނީ ފާސްކޮށްފަ އެވެ. އެހެންވެ ދެން އޮތީ ތަޅުމުގައި ބިލަށް ވޯޓަށް އެހުމެވެ.
މިއަދު ހެނދުނު 11:00 ޖެހިއިރު ބޭއްވި ޕެޓިޝަން ކޮމިޓީގެ ބައްދަލުވުގައި ވަނީ، އެ 151 ނޫސްވެރިންގެ ސޮޔާ އެކު މީޑިއާ ކޮންޓްރޯލް ބިލު ބޭރުކޮށްލަން ހުށަހަޅާފައިވާ ޕެޓިޝަން ބޭރުކޮށްލަން ކޮމިޓީގެ އަޣުލަބިއްޔަތުން ނިންމައިފައެވެ. ޕެޓިޝަން ކޮމިޓީން އެގޮތަށް ނިންމީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ޕެޓިޝަން ކޮމިޓީއަށް ފޮނުވި ސިޓީއަކާ ގުޅިގެންނެވެ
މީގެ ކުރިން ހިއުމަން ރައިޓްސް ކޮމިޝަނާއި މީޑިއާ ކައުންސިލް، އަދި ބްރޯޑްކާސްޓިން ކޮމިޝަންގެ އިތުރުން ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތުކުރާ ބޭރުގެ ޖަމިއްޔާތަކުން ވެސް ވަނީ ބިލާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ޖަމިއްޔާތަކުން ވަނީ މިއީ މިނިވަން ނޫސްވެރިކަން 'ނެތިކޮށްލާނެ ބިލެއް'ގެ ގޮތުގައި ސިފަކޮށްފައެވެ.