މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލް ހަންނާނު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި "މީޑީއާ ކޮންޓްރޯލްކުރާ ބިލް" ބޭރުކުރަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސޯލިހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ތައްޔާރުވަމުންދާ މީޑިއާ ކޮންޓްރޯލު ބިލުގައި ގިނަ ކޮންބޮޑުވުންތަކެއް ހުރިކަން ނޫސްވެރިން މިހާރުވެސް ފާޅުކުރަމުންދާ ކަމަށެވެ.
"އަޅުގަނޑުގެ އިލްތިމާސަކީ ނޫސްވެރިންގެ އެ ކަންބޮޑުވުންތައް އަޑު އައްސަވާ މި ބިލު މަޖިލީހުން ބޭރުކޮށްދެއްވުން،" ސޯލިހު ވިދާޅުވި އެވެ.
މި ބިލު ފާސްކުރަން އުޅޭތީ މިއަދު ހެނދުނުން ފެށިގެން ނޫސްވެރިންނާއި އާންމުން އަންނަނީ މަޖިލިސް ދޮށުގައި މުޒާހަރާ ކުރަމުންނެވެ.
މީޑިއާ ބިލު ބޭރުކޮށްލަން އެެދި 150 އަށް ވުރެ ގިނަ ނޫސްވެރިންގެ ސޮޔާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒާއި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައިވެ އެވެ. ހުށަހެޅި ޕެޓިޝަން، ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ވަނީ މިއަދު ބޭރުކޮށްލައިފައެވެ.