މީޑިއާ ކޮންޓްރޯލް ބިލާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކައިރީގައި މިދިޔަ އަންގާތަ ދުވަހު ނޫސްވެރިން ކުރި މުޒާހަރާގެ ތެރޭގައި އަނިޔާވެރިވެފައި ނުވާނެ ކަމަށާއި ބޮޑަށް ބެލީ ވިސްނައިދީގެން މުޒާހަރާ ހުއްޓުވޭތޯ ކަމަށް ފުލުހުން ބުނެފި އެވެ.
މުޒާހަރާގައި އަނިޔާކުރި މައްސަލަ އެމްޑީޕީ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ވެސް ހުށަހަޅާފައި ވަނިކޮށް ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ހުއްދަކޮށްފައިވާ ސަރަހައްދުތައް ފިޔަވައި އެހެން ތަނަކަށް އެއްވާ ނަމަ ފުލުހުންގެ ހުއްދައެއް ލިޔުމުން ހޯދަން ޖެހޭނެ ކަމަށެވެ.
އަދި ނޫސްވެރިންގެ މުޒާހަރާއަށް ހުރަސްއެޅީ އެފަދަ ހުއްދައެއް ހޯދާފައި ނުވާތީ އާއި މަޖިލީސް ކުރާ ސަރަހައްދަކީ އެއްވުން މަނާ ސަރަހައްދަކަށްވާތީ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ،އެ ސަރަހައްދުގައި ހަރަކާތްތެރިވީ ގާނޫނާ ޚިލާފު އެއްވުމެއް ހުއްޓުވުމަށާއި އާންމު ރައްޔިތުންނާއި މަޖިލިސް މެންބަރުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގާނޫނީ ވާޖިބު އަދާކުރަން ކަމަށެވެ. އަދި އެ ސަރަހައްދަށް މުޒާހަރާގެ ބައިވެރިން ވަދެ، ފުލުހުންގެ އޮޕަރޭޝަނަށް ހުރަސް އަޅާފައިވާ ކަމަށް ބަޔާނުގައި ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި އެ މުޒާހަރާ ހުއްޓުވަން ބާރުގެ ބޭނުންކޮށްފައި ވާނީ ޕްރޮފެޝަނަލް މިންގަނޑުގެ ތެރެއިންނެވެ. އަދި އާންމުކޮށް ބޭނުންކުރާ ކަރުނަ ގޭހާއި، ބެޓަންފަ ދަ ތަކެތި ބޭނުންކޮށްފައި ނުވާނެ ކަމަށް ވެސް ބުންޏެވެ.
ބަޔާނުގައި ބުނީ މުޒާހަރާ ރޫޅާލުމުގައި ވެސް އަމަލުކޮށްފައި ވާނީ އެފަދަ އެއްވުންތައް ރޫޅާލުމުގައި އަމަލުކުރާ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި މުޒާހަރާ ރޫޅާލައި، ބައިވެރިން ފަހަތަށް ޖައްސަން ވެސް ބާރުގެ ބޭނުމެއް ކޮށްފައި ނުވާނެ ކަމަށެވެ.
"މި އޮޕަރޭޝަން ކުރިއަށް ގެންދިއުމުގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކޮށްފައިވާކަމަށް ކުރާ ތުހުމަތުތަކަކީ އެއްވެސް ހަގީގަތެއްގެ މައްޗަށް ބިނާވެފައިވާ ތުހުމަތުތަކެއް ނޫންކަން ފާހަގަކުރަމެވެ. އޮޕަރޭޝަންގެ ހުރިހާ މަރުހަލާއެއްގައި ވެސް، ފުލުހުން އަމަލުކޮށްފައި ވަނީ އޮޕަރޭޝަނަލް އުސޫލުތަކާ އެއްގޮތަށް، އަމަން އަމާންކަން ދެމެހެއްޓުމަށާއި މުޒާހަރާކުރާ ފަރާތްތަކާއި އޮފިސަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކޮންމެހެން ބޭނުންވާ އެންމެ ކުޑަ މިންވަރުގެ ބާރު ބޭނުންކޮށްގެން." ބަޔާނުގައި ބުންޏެވެ.
ފުލުހުން ބުނީ މުޒާހަރާގެ ބައިވެރިންނަށް އަނިޔާކުރާ ފަދަ މޭރުމަކުން ދައުރުކުރާ ފޮޓޯތަކަކީ ވަކި އޭންގަލަކުން ނަގައިގެން ހަގީގަތް އޮޅޭ ގޮތަށް ދައުރުކުރާ ފޮޓޯތަކެއް ކަމަށެވެ. އެހެންވެ މުޒާހަރާ ކޮންޓްރޯލް ކުރުމުގައި އަމަލުކުރި ގޮތުގެ ރިވިއުއެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ހަދަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
"މި ރިވިއުގެ ނަތީޖާއިން، ފުލުހުން އަމަލުކުރަންޖެހޭ އެއްވެސް އުސޫލަކާ ހިލާފު އަމަލެއް ފާހަގަކުރެވިއްޖެ ނަމަ، ނުވަތަ އެއްވެސް ބާވަތެއްގެ ނޭދެވޭ އަމަލެއް ހިންގާފައިވާކަން ފާހަގަކުރެވިއްޖެނަމަ، އެކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ވާހަކަ ދަންނަވަން" ބަޔާނުގައި ބުންޏެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ތުހުމަތުތައް ދޮގުކުރި ނަމަވެސް ފުލުހުން އަނިޔާކުރި ކަމަށް ބައެއް ނޫސްވެރިން ވަނީ ބުނެފައެވެ. އަދި، ބައެއް މީހުންނާއި ނޫސްވެރިންނަށް އެއްވުމުގެ ތެރެއިން އަނިޔާވެފައިވާ ފޮޓޯތައް ވެސް އަންނަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.