ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ އަށް ދުވަހުގެ ދަތުރުފުޅެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ފުރާވަޑައިގެންފި އެވެ.
ރައީސްގެ މި ދަތުރުފުޅުގައި، ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރި އަދި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ 31 ރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވެ އެވެ.
އެގޮތުން، ފެލިދެއަތޮޅު ފުލިދޫ، ތިނަދޫ، ފެލިދޫ، ކެޔޮދޫ އަދި ރަކީދޫއަށް އެމަނިކުފާނު މިދަތުރުފުޅުގައި ވަޑައިގަންނަވާނެ އެވެ. ނިލަންދެއަތޮޅު އުތުރުބުރީގައި މީހުން ދިރިއުޅޭ، ފީއަލި، ބިލެތްދޫ، މަގޫދޫ، ދަރަނބޫދޫ، ނިލަންދޫ އަދި، މުލަކަތޮޅުން، ދިއްގަރު، މަޑުއްވަރި، ރަތްމަންދޫ، ވޭވަށް، މުލައް، ކޮޅުފުށި، ނާލާފުށި އަދި މުއްޔަށްވެސް އެމަނިކުފާނު ވަޑައިގަންނަވާނެ އެވެ. އަދި ކޮޅުމަޑުލު ބުރުނި، ވިލުފުށި، މަޑިފުށި، ދިޔަމިގިލި، ގުރައިދޫ، ކަނޑޫދޫ، ވަންދޫ، ހިރިލަންދޫ، ގާދިއްފުށި، ތިމަރަފުށި، ވޭމަންޑޫ، ކިނބިދޫ އަދި އޮމަދޫ އަށްވެސް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ދަތުރުފުޅުގައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ އެވެ. އަދި އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބެއްލެވުމަށް ވެސް ހަމަޖެހިފައިވެ އެވެ.