ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރސްޓު ހަމަލާގެ ތުހުމަތު ކުރެވޭ ތިން މީހަކު ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލައިފި އެވެ.
އެ ކޯޓުން މިއަދު ނެރުނު އަމުރުގައި ވަނީ ތިން މީހުން ދޫކޮށްލަން ޖެހުނީ ބަންދުގައި ބަހައްޓަން އެކަށީގެންވާ މިންވަރަށް ހެކި ނެތުމުން ކަމަށެވެ. މިއަދުގެ ޝަރީއަތް ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެނެވެ.
މިއަދު ބަންދުން ދޫކޮށްލާފައިވަނީ ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ހިންގި ހަރުކަށި ފިކުރުގެ އޮޕަރޭޝަންގައި ހައްޔަރުކުރި ތިން މީހެއްކަމަށް މައުލޫމާތު ލިބެ އެވެ. އެތިން މީހުންގެ ވަނަވަރު އެއްވެސް އިދާރާއަކުން މިހާތަނަށް ހާމައެއް ނުކުރެ އެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ނެރުއްވި އެ އަމުރުގައި ބުނެފައިވާ ގޮތުން ތިން މީހުންގެ ބަންދަށް 40 ދުވަސް މީގެ ކުރިން ދީފައި ވީނަމަވެސް ބަންދުގެ މުއްދަތު އިތުރު ކުރެވޭ މިންވަރަށް ފުލުހުން އިތުރު ހެއްކެއް ހުށަހަޅާފައެއް ނުވެ އެވެ.
ކްރިމިނަލް ކޯޓުން މިގޮތަށް ނިންމިނަމަވެސް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވަނީ ބަންދު ކުރެވޭވަރަށް ހެކި އެބަހުރި ކަމަށެވެ. އެހެންކަމުން ހައި ކޯޓުގައި އެކަން އިސްތިއުނާފު ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ފުލުހުން މީގެ ކުރިން ވިދާޅުވީ ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާގެ ތަހުގީގު ކުރިއަށް ގެންދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ހާއްސަ އިސްކަމެއް ދީގެންނެވެ. އަދި ތަހުގީގުގައި ކުރިއެރުންތަކެއް ލިބިފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.
މިމައްސަލައިގައި އަށް މީހަކު ހައްޔަރު ކޮށްފައިވާއިރު އޭގެ ތެރެއިން ހަތަރު މީހެއްގެ މައްސަލަ ނިންމައި ދައުވާކުރަން ފޮނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީގެ ކުރިން ވިދާޅުވި އެވެ.
8 މީހުންގެ ތެރެއިން ފުލުހުން ވަނަވަރު ހާމަކުރީ ހަތަރު މީހެއްގެ އެވެ. އެއީ އަދުހަމް އަހުމަދާއި މުޖާޒް އަހުމަދާއި ތަހުމީން އަހުމަދު އާއި އަހުމަދު ފާތިހު އަދި އަލީ ހައިޝަމް އެވެ.