ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު އެ ކުންފުނި ހިންގެވިއިރު 439 އެއްބަސްވުމެއްގައި ސޮއިކުރީ ބިޑަށް ހުޅުވައިނުލައި ކަމާއި އެ އެއްބަސްވުންތަކުގެ އަގު 1.4 ބިލިއަން ރުފިޔާއަށް އަރާފައިވާކަން ރޭ އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކުރި އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.
އެމްޑީޕީން ވެރިކަމާ ހަވާލުވިއިރު ފެނަކައިގެ ޖުމުލަ ދަރަނި 769 މިލިއަން ރުފިޔާގައި ހުރިއިރު އެވެރިކަން ނިމުނުއިރު އެ އަދަދު ވަނީ 3.9 ބިލިއަން ރުފިޔާއަށް އަރާފައެވެ.
އޮޑިޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، 2021 އިން 2023 އަށް ފެނަކައިން ޖުމްލަ 674 އެއްބަސްވުމެއްގެ ދަށުން 2.2 ބިލިއަން ރުފިޔާގެ މަސައްކަތް އެކި ފަރާތްތަކާ ހަވާލުކުރި އެވެ. މީގެ ތެރެެއިން 439 އެއްބަސްވުމެއްގައި ސޮއިކުރީ ބިޑަށް ހުޅުވައިނުލަ އެވެ. އެ އެއްބަސްވުންތަކުގެ އަގު 1.4 ބިލިއަން ރުފިޔާއަށް އަރަ އެވެ.
ފެނަކައިން ބިޑަށް ހުޅުވައިނުލާ ހެދި އެއްބަސްވުންތައް:
- ކަރަންޓު ކޭބަލް ގަތުމަށް 294 އެއްބަސްވުމެއް: އެ އެއްބަސްވުންތަކުގެ އަގަކީ 544,354,451 ރުފިޔާ
- ޖަނަރޭޓަރު ސެޓު ގަތުމަށް 82 އެއްބަސްވުމެއް: އެ އެއްބަސްވުންތަކުގެ އަގަކީ 259,089,940 ރުފިޔާ
- ޓްރާންސްފޯމަރު ގަތުމަށް 33 އެއްބަސްވުމެއް: އެ އެއްބަސްވުންތަކުގެ އަގަކީ 76,331,309 ރުފިޔާ
- ފެނާއި ނަރުދަމާގެ މަޝްރޫއުތަކުގެ މަސައްކަތަށް 29 އެއްބަސްވުމެއް: އެ އެއްބަސްވުންތަކުގެ އަގަކީ 491,697,195 ރުފިޔާ
ފެނަކައިން ބިޑަށް ހުޅުވައިނުލާ ހެދި މި އެއްބަސްވުންތަކުން ރާއްޖޭން ބޭރުން ޖަނަރޭޓަރާއި ކޭބަލް އަދި ޓްރާންސްފޯމަރު ސަޕްލައި ކުރުމުގައި، ސަޕްލަޔަރުންނަށް ދީފައި ވަނީ އެ ކަންކަމަށް ހޭދަވާނެ ފައިސާ އަށް ވުރެ އިތުރަށެވެ. ރިޕޯޓްގައިވާ ގޮތުން އެ ތަކެތި ގެނައި ސަޕްލަޔަރުން ފެނަކަ އަށް ތަކެތި ވިއްކާފައި ވަނީ 40 ޕަސެންޓާއި 55 ޕަސެންޓާ ދެމެދުގެ ބޮޑު ފައިދާއެއް ލައިިގެންނެވެ. މިގޮތަށް ފައިދާ ބޮޑުކޮށް ގެނައި އާ ޖަނަރޭޓަރުތަކުގެ ނަމުގައި ގެނެސްފައި ހުރީ މަރާމާތު ކޮށްފައިވާ ބާ ޖަނަރޭޓަރުތައް ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަ ކޮށްފަ އެވެ.
2021 އިން 2023 އަށް ފެނަކައިން ހިދުމަތް ދޭ ރަށްރަށުގައި އައު އިންޖީނުގެ އެޅުމާއި އޮފީސް އެޅުމުގެ 57 މަޝްރޫއެއްގައި ވަނީ ސޮއިކޮށްފަ އެވެ. އަދި 2024 ގެ ނިޔަލަށް މީގެ ތެރެއިން 41 މަޝްރޫއެއް ނިމިފައި ނުވި ނަމަވެސް އެކަމަށް 1,069,248,952ރ. ދޫކުރި ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެ އެވެ.
މި މަޝްރޫއުތައް ނިންމަން މާކެޓު ރޭޓުގެ ބޭރުން އިތުރަށް 241 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އޮޑިޓަރުން ލަފާކުރެ އެވެ. މި އަދަދު ހިމަނައިގެން އެ 57 މަޝްރޫއަށް މާކެޓު އަގަށްވުރެ އިތުރަށް 767 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެ އެވެ.
އޮޑިޓު ރިޕޯޓު ތައްޔާރުކުރި ތިން އަހަރުގެ މުއްދަތުގައި ފެނަކައިން ނުއަގުގައި ދޯންޏާއި ލޭންޑިން ކްރާފްޓު ވެސް ކުއްޔަށް ނަގާފައިވެ އެވެ. އެގޮތުން، އެކަމަށް އެ ތިން އަހަރުގެ ތެރޭ ހެދި 612 އެއްބަސްވުމުގެ ތެރެއިން 344 އެއްބަސްވުމަކީ މާކެޓު އަގަށްވުރެ ބޮޑު އަގުތަކެއްގައި ހަދާފައިހުރި އެއްބަސްވުންތަކެކެވެ. މިކަމުގެ ސަބަބުން މާކެޓު އަގަށްވުރެ އިތުރަށް ފެނަކައިން އެ ފަރާތްތަކަށް 47.6 މިލިއަން ރުފިޔާ ދޫކުރި އެވެ.
އެގޮތުން މުދާ އުފުލުމަށް ޖުމުލަ 191 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާއިރު އޭގެ ތެރެއިން މާކެޓް ރޭޓަށް ވުރެ އަގު ބޮޑުވާ ކޮންޓްރެކްޓަކުގެ ޖުމުލަ އަގު 103 މިލިއަން ރުފިޔާއަށް އަރައެވެ.
ރިޕޯޓްގައި ބުނެފައިވަނީ މާލެއިން އައްޑޫ ސިޓީ ހިތަދުއަށް މުދާ ގެންދިއުމަށް ފެނަކައިން 495,000 ރުފިޔާއަށް ދޯންޏެއް ކުއްޔަށް ހިފާފައިވާއިރު މާކެޓް ރޭޓަށް ބަލާއިރު އެ މަސައްކަތުގެ އަގަކީ 90,000 ރުފިޔާ އާއި 140,000 ރުފިޔާ ދެމެދު ކަމަށެވެ. އަދި، ގދ. ތިނަދުއަށް މުދާ ގެންދިއުމަށް ފެނަކައިން 450,000 ރުފިޔާއަށް ދޯންޏެއް ކުއްޔަށް ހިފާފައިވާއިރު މާކެޓް އަގަކީ 80,000 ރުފިޔާއާއި 120,000 ރުފިޔާ ކަމަށް އޮޑިޓްގައި ބުނެފައިވެއެވެ.
އެކި ރަށްރަށުން ތަންތަން ކުއްޔަށް ހިފުމުގައި ވެސް ފެނަކައިން އަމަލުކޮށްފައި އޮތީ އުސޫލާ ހިލާފަށެވެ. އެ ތަންތަން ކުއްޔަށް ހިފީ އެންމެ ފަރާތަކުން އަގު ހޯދައިގެން ކަމަށާއި އެ ތަންތަނުގެ ކުއްޔަށާއި މަރާމާތަށް ފެނަކައިން 12.1 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ރިޕޯޓުން ހާމަވެ އެވެ.
ފެނަކައިން ފައިސާ ހަރަދުކުރި ގާތްގަނޑަކަށް ހުރިހާ ދާއިރާއެއްގައި ވެސް ކޮރަޕްޝަނުގެ ތެރެއިން އެތައް ސަތޭކަ މިލިޔަން ރުފިޔާއެއް ގެއްލިފައިވާ ކަން ވެސް އެ ރިޕޯޓުން އެނގެ އެވެ.
ފެނަކައިގެ ކޮރަޕްޝަންގައި މެނޭޖިންގ ޑިރެކްޓަރަކަށް އޭރު ހުންނެވި ސައީދުގެ އިހުމާލާއި ހިއްސާ އޮތްކަމަށް ރިޕޯޓުން ހާމަކަން ބޮޑު ގޮތެއްގައި ފާހަގަވާއިރު ރިޕޯޓްގައި އޮޑިޓާ ޖެނެރަލް ހުށަަހަޅުއްވާފައިވާ އެއް ކަމަކީ އެ ކަންކަމުގައި ޒިންމާވާ ފަރާތްތަކުގެ މައްސަލަތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށެވެ.