މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި މާލެއިން ތިން މީހުން ހައްޔަރުކޮށްފިއެވެ.
މިގޮތުން މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ މާލެ / މއ. މަޒާގެ، މުޙައްމަދު އައިޝް އަޙްމަދު (34އ) އާއި މާލެ / މއ. މަޒާގެ، އާމިނަތު ޢިއްލިއްޔީން އަޙްމަދު (25އ) އާއި ހދ. ކުޅުދުއްފުށި / މަރިޔާޒް، ޢިނާޔަތު ޢަލީ (34އ) އެވެ. މި ތިން މީހުން ވެސް ހައްޔަރުކޮށްފައިވަނީ މި ސެޕްޓެންބަރު މަހުގެ 25 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެދަށުން ކަމަށް ފުލުހުން ހާމަކުރެއެވެ.
ފުލުހުން ބުނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ހިންގި އޮޕަރޭޝަނުގައި އެ މީހުންނާ ގުޅުންހުރިކަމަށް ބެލެވޭ މާލޭގެ ދެ ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބިޑިއަކާއި ރަބަރު ޕެކެޓުތަކެއް ފެނިފައިވާ ކަމަށާއި، މި ތަކެތީގެ ވަގުތީ ބަރުދަނަކީ 1246 ގުރާމު ކަމަށެވެ.
މި މައްސަލައާ ގުޅިގެން މުޙައްމަދު އައިޝް އަޙްމަދު 10 ދުވަހަށް އަދި އާމިނަތު ޢިއްލިއްޔީން އަޙްމަދާއި ޢިނާޔަތު ޢަލީ ހަތް ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.