މީޑިއާ ރެގިއުލޭޓުކުރުމުގެ ގާނޫނުގެ ދަށުން އުފައްދާ މީޑިއާ ރެގިއުލޭޓުކުރާ ކޮމިޝަނުގައި މީޑިއާތައް ތަމްސީލުކުރާ ހަތަރު މެންބަރުން އިންތިހާބުކުރުމަށް ނަގާ ވޯޓުގައި ބައިވެރިވުމުގެ ހައްގު ލިބިފައިވާ މީޑިއާތަކުގެ ލިސްޓު އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފިއެވެ.
ސަރުކާރުގެ ގެޒެޓުގައި މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީޑިއާތަކާއި ބްރޯޑްކާސްޓަރުންގެ ލިސްޓު ޝާއިއުކޮށްފަައިވާއިރު، ޖުމްލަ 353 މީޑިއާއެއް ހިމެނޭ އެ ލިސްޓުގައި 335 ނޫހެއް އޮތްއިރު، ބްރޯޑްކާސްޓަރުންގެ ގޮތުގައި 18 މީޑިއާއެއް ރަޖިސްޓްރީކޮށްފައިވާކަން އިއުލާނާ އެކު އާންމުކުރި ލިސްޓުގައިވެއެވެ. މިހާރު އެއްވެސް ގޮތަކަށް ނުހިންގާ ނޫސް މަޖައްލާތައް ވެސް އެ ލިސްޓުގައިވެއެވެ.
އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މާދަމާ މެންދުރު 3:00 އާ ހަމައަށް އޮންނާނެއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އީ މެއިލް މެދުވެރިކޮށް ޝަކުވާ ބަލައިގަންނާނެ ކަމަށެވެ. އަދި ކޮމިޝަނުގެ ވެބްސައިޓާއި އިދާރާއިން ޝަަކުވާ ހުށަހަޅާ ފޯމު ލިބޭނެއެވެ.
މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލުމަށް ފަހު އެ ދެ މުއައްސަސާ އެއްކޮށްލައިގެން އުފައްދާ މި މީޑިއާ ކޮމިޝަނަށް ކުރިމަތިލާން އީސީން ހުޅުވާލީ މިދިޔަ ބުރާސްފަތި ދުވަހެވެ. އެއީ، ބްރޯޑްކާސްޓަރުން ތަމުސީލުކުރަން ދެ ގޮނޑިއަކަށާއި، މީޑިއާތައް ތަމުސީލުކުރަން ދެ ގޮނޑިއަކަށެވެ. އެ މަގާމުތަކަށް ކުރިމަތިލެވޭނީ އަންނަ މަހު ހަތަރުވަނަ ދުވަހުގެ މެންދުރު 2:00 ގެ ނިޔަލަށެވެ.
މީޑިއާ ކޮމިޝަަނުގައި މީޑިއާތައް ތަމްސީލުކުރާ ހަތަރު މެންބަރުން އިންތިހާބުކުރުމުގެ ވޯޓު ނެގުން އޮންނާނީ އަންނަ މަހުގެ 11 ވަނަ ދުވަހުއެވެ.