ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން 200 މިލިއަނެއްހާ ރުފިޔާގެ ޚިޔާނާތް ވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ބުނެ، ތަހްގީގެއް ހިންގަން ކަމާބެހޭ ފަރާތްތަކަށް އެ ކޯޕަރޭޝަނުން ހުށަހަޅައިފިއެވެ.
މިރޭ ނެރުނު ބަޔާނެއްގައި އެޗްޑީސީން ބުނީ، 2019ވަނަ އަހަރާއި 2023ވަނަ އަހަރާ ދެމެދު އެ ކޯޕަރޭޝަންގެ މިލްކިއްޔާތުގައިވާ މުދަލާއި ބިމާއި ޚިދުމަތުން 200 މިލިއަނެއްހާ ރުފިޔާގެ ޚިޔާނާތް ބައެއް ފަރާތްތަކުން ވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި، އެ ކަންކަމުގެ ތަހްގީގެއް ހިންގަން ކަމާބެހޭ ފަރާތްތަކަށް ހުށަހަޅަން ފަށާފައިވާ ކަމަށެވެ.
މި ޚިޔާނާތުގެ ތެރޭގައި އެ ކޯޕަރޭޝަންގެ މުދަލުން ވައްކަންކުރުމާއި، ކޯޕަރޭޝަންގެ މުދާ އަމިއްލަ ބޭނުމަށް ބޭނުންކުރުމާއި، ކޯޕަރޭޝަނަށް ގެއްލުންވާ ގޮތަށް ބިންތައް ކުއްޔަށް ދިނުން ފަދަ މުއާމަލާތްތައް ހިމެނޭ ކަމަށް އެޗްޑީސީން ބުނެ އެވެ.
"އެހެންކަމުން އިސްވެ ދެންނެވުނު ކަންކަން ތަހުގީގުކޮށް ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކޯޕަރޭޝަންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދޭނެ ވާހަކަ ދަންނަވަން،" އެޗްޑީސީން މާ ބޮޑު ތަފްސީލެއް ނެތި ނެރުނު ކުރު ބަޔާނުގައިވެއެވެ.
އަދި އެޗްޑީސީން ކަނޑައަޅާފައިވާ އިޖުރާތުތަކާއި އުސޫލުތަކުގެ ބޭރުން ބިން ވިއްކާފައި ހުރި ކަން ވެސް އެ ކޯޕަރޭޝަންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް ބުންޏެވެ.
މި ކަންކަމުގައި ކަމާބެހޭ އިދާރާތަކުން ކުރާ ތަހްގީގުތަކަށް އެއްބާރުލުންދޭނެ ކަމަށްވެސް އެ ބަޔާނުގައި އެޗްޑީސީން ބުންޏެވެ.