އިދިކޮޅު އެމްޑީޕީން މަގުތަކަށް އެއްވެ ކުރަން އުޅޭ މުޒާހަރާއަކީ ވެރިކަން ހޯދުމަށް ގައުމު އިތުރަށް އިނދަޖައްސައި ވަޅުގަނޑަކަށް ވައްޓާލުން ކަމަށް ޖޭޕީގެ ލީޑަރު، އަދި މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އެކި ހިސާބުތަކުން މީހުންނާ އެކު "ލޫޓޫވައިފި ލޫޓޫވައިފި" ނަމުގައި މިރޭ 8:30 ގައި މާލޭގައި ބޮޑު މުޒާހަރާއެއް ބޭއްވުމަށް އިދިކޮޅު އެމްޑީޕީން ދަނީ ތައްޔާރުވަމުންނެވެ.
އެކަމާ ގުޅިގެން، ގާސިމް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެއީ ބިނާކުރުވަނިވި މުޒާހަރާއެއް ނޫން ކަމަށާއި އެއީ ފަނާކުރުވަނިވި މުޒާހަރާއެއް ކަމަށެވެ. އެއީ ވެރިކަން ހޯދަންވެގެން ކުރާ ބޮޑު ނުބައި ކަމެއް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"އެއީ ބިނާކުރަނިވި މުޒާހަރާއެއް ނޫން. އެއީ ފަނާކުރަނިވި މުޒާހަރާއެއް. އެއީ ވެރިކަން ހޯދަންވެގެން ކުރާ ބޮޑު ނުބައި ކަމެއް. އެއްވެސް ކަމެއް މިއޮތް ބޮޑު ދަރަނިވެރި ހާލަތުގައިކޮށްދެވޭނެތީ ކުރާ ކަމެއް ނޫން،" "އެއީ ގައުމަށް މި ވެރިކަމުގައި ރަނގަޅު ކަމެއް ކުރިއަނުދީ، ވެރިކަން ހޯދަން ފިތުނަކުރަންވެގެން ކުރާ ނުބައި ކަމެއް."ގާސިމް ވިދާޅުވި އެވެ.
"ބާކީ މުސާރަތައް ވެސް އެ ދެއްވަނީ އެގޮތް މިގޮތް ހަދައިގެން. އިސްވެދިޔަ ތިން ހަތަރު ސަރުކާރުން ވެސް ސަރުކާރުގެ ކުންފުނިތަކުން ބޮޑެތި ބޮޑެތި ހިޔާނާތްވެފައި އެބަހުރި،" ގާސިމު ވިދާޅުވި އެވެ. "އެ ސަރުކާރުތަކުން އެޅީ ކޮން ފިޔަވަޅެއްތޯ. އެއްކަމެއް ވެސް ނުކުރޭ. ހިޔާނާތްތަކަށް ކުރީ ސަރުކާރުތަކުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވިޔަސް ރައީސް ޑރ. މުހައްމަދު މުއިއްޒު ފިޔަވަޅު އަޅުއްވަމުން ގެންދަވާނެ." ގާސިމް ވިދާޅުވި އެވެ.
ގާސިމް ވަނީ ޖޭޕީގެ އެއްވެސް މީހަކު މުޒާހަރާގައި ބައިވެރިނުވުމަށް އިލްތިމާސްކުރައްވައިފަ އެވެ.