ޓެކްސް އެޕީލް ޓްރައިބިއުނަލަށް އަލްއުސްތާޛް އިބްރާހިމް އަފީފާއި އަލްއުސްތާޛާ ޝައުފާ އިބްރާހިމް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ދެ މެންބަރެއްގެ މަގާމު ހުސްވެފައިވާތީ އެ މަގާމުތަކަށް އާންމުކޮށް ހުޅުވާލުމަށްފަހު ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން 7 ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މަޖިލީހަށް ފޮނުއްވާފައެވެ. މި މައްސަލަ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ދިރާސާކުރުމުގެ މަރުހަލާގައި ރައީސް ނަން ފޮނުއްވެވި ބޭފުޅުންނާ އިންޓަވިއުކޮށް، މާކްސް ވަނީ ދީފައެވެ.
ޖުޑީޝަރީ ކޮމިޓީން %75 އަށްވުރެ މަތިން މާކްސް ދީފައިވަނީ 4 ބޭފުޅަކަށެވެ. އެއީ ގދ. މަޑަވެލި، މޭނާ، އަލްއުސްތާޛް މަހާޒު އަލީ ޒާހިރާއި ބ. ތުޅާދޫ، ގުލްބަހާރުގެ، އަލްއުސްތާޛް އިބްރާހިމް އަފީފާއި ދ. މީދޫ، އަކިރިވިލާ އަލްއުސްތާޛާ ޝައުފާ އިބްރާހިމާއި، ގދ. ގައްދޫ، ބީޗް ކޯނަރ އަހުމަދު ޔާމީނަށެވެ.
މި ހަތަރު މެންބަރުންގެ މެދުގައި މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ޓެކްސް އެޕީލް ޓްރައިބިއުނަލަށް އައްޔަން ކުރެއްވުމަށް އިބްރާހިމް އަފީފާއި ޝައުފާ އިބްރާހިމްގެ ނަން ފާސްކުރައްވާފައިވަނީ ވޯޓު ދެއްވި މެންބަރުންގެ އިއްތިފާގުންނެވެ.
މި ދެ ބޭފުޅުން ޓްރައިބިއުނަލަށް އައްޔަން ކުރައްވަނީ މިހާރު ހިނގާ ދައުރަށެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މިދައުރުގެ މުއްދަތު ހަމަަވާނީ އަންނަ މަހުގެ 28ވަނަ ދުވަހަށެވެ.