އިދިކޮޅު މައި ޕާޓީ، ޕީޕީއެމްއަށް މެމްބަރުން އިތުރު ކުރުމަށް ހާއްސަ ކެމްޕެއިނެއް ފަށައިފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ މިހަރަކާތް ކުރިއަށް ގެންދާނީ އެކޯލިޝަންގެ އަންހެނުންގެ ހަރަކާތުން ކަމަށެވެ. "މަވެސް ޕީޕީއެމް" ގެ ނަމުގައި ފެށި މި ކެމްޕެއިންގެ ބޭނުމަކީ އެޕާޓީއަށް މެމްބަރުން އިތުރު ކުރުމުގެ ކެމްޕެއިނެއްކަމަށް ހީނާ ވިދާޅުވި އެވެ.
އެގޮތުން އަމާޒަކީ އަންނަ އޯގަސްޓު މަސް ނިމުމުގެ ކުރިން 10،000 މެމްބަރުން ހަމަކުރުން ކަމަށް ހީނާ ވަނީ ވިދާޅުވެފަ އެވެ. "މަވެސް ޕީޕިއެމް" ގެ ނަމުގައި މީގެ ކުރިންވެސް އިދިކޮޅުން ކެމްޕެއިނެއް ފެށި އެވެ. އޭރު އެ ހަރަކާތް ހުއްތައިލީ ކޮވިޑް-19 ގެ ސަބަބުންނެވެ.
ހީނާ ވިދާޅުވީ މިއަދު ފެށި ހަރަކާތުގައި 2023 ވަނަ އަހަރު ރައީސް ޔާމީން އިންތިހާބު ކުރުމުގެ އިތުުރުން އެމަނިކުފާނު މިނިވަން ކުރުމުގެ މަސައްކަތަކެއްވެސް ކުރާނެ ކަމަށެވެ. އަދި އިދިކޮޅުގެ ހަރަކާތްތަކަށް އިތުރު ފޯރިއެއް މި ކެމްޕެއިންގެ ސަބަބުން އަންނާނެ ކަމަށް ހީނާ ވިދާޅުވި އެވެ.
މުޅި ރާއްޖޭގައި ކުރިއަށް ގެންދާ "މަވެސް ޕީޕީއެމް" ހަަރަކާތުގައި މެމްބަރުން އިތުރު ކުރާނީ ގޭގެއަށް ޒިޔާރާތް ކޮށްގެން ފޯމެއް ފުރައިގެންނެވެ. އަދި ގޭގެއަށް ދާއިރު ޓީމު ތިބޭނީ ޕީޕީއެމް ޓީޝާޓު ލައިގެން ކަމަށްވެސް ހީނާ މިއަދު ވިދާޅުވި އެވެ.