މޫނު ނިވާކޮށްގެން ތިބި ބަޔަކު ފަތިހު އެއާޕޯޓުން ގިނަ އަދަދެއްގެ ޑޮލަރު ފޭރިގަތް ހާދިސާ ހިނގިއިރު، އެ ފައިސާ ގެންދިޔައީ ފުލުހުންގެ ސެކިއުރިޓީއާ ވެސް ނުލާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
އެއާޕޯޓުން ގިނަ އަދަދެއްގެ ފައިސާ ހުރި ސޫޓް ކޭހެއް ފޭރިގަތީ މިއަދު ފަތިހު 4:45 އެހާކަންހާއިރެވެ.
ފުލުހުން ބުނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބޭންކެއްގެ ދެ މުވައްޒަފެއްގެ އަތުން ފައިސާ ހުރި ސޫޓް ކޭސްއެއް، މޫނު ނިވާކޮށްގެން ތިބި ބަޔަކު ފޭރިގަނެފައިވާ ކަމަށެވެ.
އެ ސޫޓް ކޭސްގައި ހުރީ ކިިހާ އަދަދެއްގެ ފައިސާ ކަމެއް އަދި އެއީ ކޮން ބޭންކެއް ކަމެއް ފުލުުހުން ހާމައެއް ނުކުރެ އެވެ.
އެނގިފައިވާގޮތުގައި އެ މީހުން ފައިސާތައް ހުރި ސޫޓް ކޭސް ޖަހައިގަތުމަށް ފަހު ދުވެފައި ގޮސް އެއާޕޯޓުގައި އޮތް ލޯންޗަކަށް އަރައިގެން ފިލީއެވެ. އެ މީހުން އެއާޕޯޓަށް ދިޔައީ ޓެކްސީއެއްގައިކަން ވަނީ އެނގިފައެވެ.








