ކ. ކާށިދޫ ފަޅު ތެރޭގައި ތަރައްގީކުރަން ނިންމާފައިވާ ރިސޯޓް މަޝްރޫއާއެކު ކާށިދޫއަށް ސީ ޕްލޭން ޝެޑިއުލް ދަތުރުތައް ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ކާށިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު މިއަދު ވިދާޅުވީ ކާށިދޫ އޮތް ސަރަހައްދާއި އުސޫލުތައް އޮތް ގޮތުން އިންވެސްޓަރުން ލިބިފައި ނުވާތީ އަގުތަކުން ބޮޑެތި ލުއިތަކެއް ދިނުމަށްފަހު އިންވެސްޓަރުން ހޯދަން އަލުން ހުޅުވާލައިފައިވާ ކަމަށެވެ.
ރިސޯޓާއެކު ދަތުރުފަތުރުގެ ފަސޭހަ އިންތިޒާމެއް ހަމަޖައްސަން ސަރުކާރުން ނިންމާފައިވާ ކަމަށާއި ސީޕްލޭން އޮޕަރޭޓަރުންނަށް ފީސިބަލް ވާނީ ފަތުރުވެރިކަން އޮވެގެންކަން ރައީސް ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން ކާށިދޫއަށް އާރްޓީއެލް ފެރީގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ކާށިދޫ ފަޅުގައި ތަރައްގީކުރާ ރިސޯޓަކީ 115.2 ހެކްޓަރު (10 ހެކްޓަރުގެ ރަށެއް ހިއްކުމަށްފަހު) ތަރައްގީކުރާ ރިސޯޓެކެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ ނޮވެމްބަރު 20 ވަނަ ދުވަހުގެ މެންފުރުފަހު 1:00 އެވެ.








