ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސްގެ މަގާމުގައި ހުރިއިރު އެ ޖަމިއްޔާގެ ފައިސާއަށް ހިޔާނާތްތެރިވެ، އެ ފައިސާ ލޯންޑާކުރި ކަމުގެ ކުށް ސާބިތުވެ ބައްސާމް އަދީލްގެ މައްޗަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.
މި ހުކުމާ އެކު އޭނާ ވަނީ 154،000ރ. އިން ޖޫރިމަނާވެސް ކޮށްފައެވެ.
ބައްސާމްގެ މައްޗަށް މިހާރު ސާބިތުވެފައިވާ ދެ ދައުވާއާ ގުޅިގެން ޖުމްލަ ނުވަ އަހަރުގެ ޖަލު ހުކުމް ވަނީ އިއްވާފަ އެވެ. މީގެ ކުރިން، މި މައްސަލައާ ގުޅިގެން ހިޔާނާތްތެރިވުމުގެ ދައުވާގައި އޭނާގެ މައްޗަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް މި މަހުގެ 8 ވަނަ ދުވަހު އިއްވާފައިވެ އެވެ. މިއަދު ސާބިތުވީ އެ ފައިސާ ލޯންޑާކުރި ކަމުގެ ދައުވާ އެވެ.
އަދަބު ކަނޑައެޅުމުގެ މަރުހަލާގައި ދައުލަތުން އެދުނީ އެންމެ ބޮޑު އަދަބު ކަމަށްވާ 15 އަހަރަށް ޖަލަށްލުމަށާއި 50،000 އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރުމަށެވެ. ނަމަވެސް، ބައްސާމްގެ ފަރާތުން އެދުނީ އޭނާގެ ކުށުގެ ރެކޯޑެއް ނެތުމުން އެންމެ ކުޑަ އަދަބު ދިނުމަށެވެ. މިކަންކަމަށް ރިއާޔަތްކުރުމަށް ފަހު ގާޒީ އިއްވެވީ ފަސް އަހަރަށް ޖަލަށްލުމަށާއި، ލޯންޑާކުރި އަދަދު ކަމަށްވާ 154،000ރ. އިން ޖޫރިމަނާކުރުމަށެވެ. ޖޫރިމަނާގެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ޖެހެ އެވެ.
އެފްއޭއެމްގެ އިތުރު ފައިސާތަކަކަށް ހިޔާނާތްތެރިވި ކަމަށް ބުނެ ބައްސާމްގެ މައްޗަށް އިތުރު ދައުވާތަކެއް ވެސް ވަކިން ކުރިއަށްދާއިރު، އެ މައްސަލަތަކާ ގުޅިގެން އޭނާ ގަނެފައިވާ ޕެންޓްހައުސްއެއް ދައުލަތަށް ނެގުމަށް ވެސް އެދިފައިވެ އެވެ.








