ނަސްރުގެ ދުވަހާ ގުޅިގެން ބޭއްވި ރަސްމިއްޔާތެއްގައި، ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމަށް ޚާއްސަ ޝަރަފުގެ އައްޑަނައެއް އަރުއްވއިފި އެވެ.
މި ޝަރަފުގެ އައްޑަނަ މައުމޫނާ ހަވާލުކުރެއްވީ، ސޯޝަލް ސެންޓަރުގައި އޮތް ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
ރައީސް އޮފީހުން ބުނީ، ނިޝާން ޣާޒީގެ އިއްޒަތުގެ ވެރިޔާ، ކުރީގެ ރައީސް މައުމޫނަށް ނޮވެމްބަރު 3 ގެ ޝަރަފުގެ ޚާއްސަ އައްޑަނައެއް އެރުވުމަށް ރައީސް މުއިއްޒު ނިންމެވީ، ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ ވަގުތުގައި، އޭރުގެ ރައީސްގެ ހައިސިއްޔަތުން މައުމޫން ކުރެއްވި ތައުރީފު ހައްގު މަސައްކަތްޕުޅުގެ އަގު، ގައުމީ ފެންވަރެއްގައި ދައުލަތުން ވަޒަންކުރުމުގެ ގޮތުންނެވެ.
މިއަދު ނަސްރުގެ ދުވަސް ފާހަގަކުރަނީ، 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހު، ދިވެހީންގެ ބަޔަކާ ގުޅިގެން ސްރީ ލަންކާގެ ތަމަޅަ ހަނގުރާމަވެރިންގެ ގްރޫޕަކުން ރާއްޖެއަށް ދިން ހަމަލާ ނާކާމިޔާބުވެ، ދިވެހިންނަށް ލިބުނު ނަސްރުގެ ހަނދާން އާކުރުމަށެވެ.
އެ ޓެރަރިސްޓް ހަމަލާގައި ޖުމްލަ 19 ދިވެހިން ޝަހީދުވިއެވެ. އޭގެ ތެރޭގައި ހިމެނެނީ 8 ސިފައިންނާއި 11 އާންމުންނެވެ.








