ހުޅުމާލޭގައި ކާރެއް ކޮންޓްރޯލު ނުވެ މިދިޔަ ހޮނިހިރު ދުވަހު ހިނގި އެކްސިޑެންޓާއި ގުޅިގެން ހައްޔަރުކުރި މީހުން ބަންދުކުރަން ކޯޓުން އަމުރުކޮށްފި އެވެ.
ހުޅުމާލޭ ނިރޮޅުމަގުން ދުއްވާފައި ދިޔަ ކާރެއްގެ ކުރިމަތިން އައި އެހެން ކާރަކުން ނައްޓައި، ދާންއުޅުމުގެ ތެރޭގައި ކޮންޓްރޯލުނުވެ ސައިކަލެއްގައި ޖެހި އެކްސިޑެންޓުވެ އަދި ފިހާރައެއްގެ ބިއްލޫރިގަނޑުގައި ކާރު ޖެހި އެކްސިޑެންޓްވި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެ ދެމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެކްސިޑެންޓުވި ކާރު ދުއްވި ހ. ބްލޫލޫން / މާލެ، މުޙައްމަދު ޖައުޝަން (29އ) އާއި އެ ކާރުގެ ކުރީ ސީޓުގައި އިން މ. ފަންއަރި / މާލެ، އަޙްމަދު އައުސަމް ޙަނީފް (26އ) އެވެ.
މި ދެމީހުން ވެސް ހައްޔަރުކުރިއިރު ތިބީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން ވަނީ ތުހުމަތުކޮށްފަ އެވެ.
މައްސަލައިގައި ހިމެނޭ ދެމީހުން ވެސް ހައްޔަރުކޮށްފައިވަނީ އެކްސިޑެންޓު ހިނގި ވަގުތު އެ ސަރަހައްދުންނެވެ.








