ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް މޫދުވިނަ (ސީވީޑް) އާލާކޮށް، އެތަކެތި ވިއްކުމަށް އެކްސްޕޯޓްކުރުމުގެ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ކުރިއަށްގެންދަނީ ފްލޯޓިން އޭކާސް ޕްރައިވެޓް ލިމިޑެޓްގެ ފަރާތުންނެވެ.
މަސްވެރިކަމާއި ކަނޑުތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި މުހިންމު މަސައްކަތް ފެށިކަމަށްޓަކައި ފްލޯޓިން އޭކާސް ކުންފުންޏާއި އެ ޓީމަށް މަރުހަބާ ވިދާޅުވާ ކަމަށެވެ. މި މަސައްކަތަކީ ރާއްޖޭގެ އިގްތިސޯދު ފުޅާކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ޝިޔާމްގެ މައުލޫމާތު ދެއްވި ގޮތުގައި، މި މަސައްކަތް އެންމެ ފުރަތަމަ ފެށިގެން ދިޔައީ މީގެ އަށް މަސް ކުރިން ބ. ފެހެންދޫގައެވެ. އަދި މިހާރު މޫދުވިނަ އާލާކޮށް، އެތަކެތި ވިއްކުމަށް އެކްސްޕޯޓްކުރުމަށް ވަނީ ތައްޔާރުވެފައެވެ. މިއީ ރާއްޖޭގެ ކަނޑުގެ ވަސީލަތްތަކުން އިގްތިސާދީ ފައިދާ ނެގުމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
މި މަސައްކަތުގެ މުހިންމުކަން ފާހަގަކުރައްވައި ޝިޔާމް ވިދާޅުވިއެވެ: "މިއީ ދިވެހި ރާއްޖޭގައި ބްލޫ އިކޮނަމީ ތަރައްގީކުރުމަށް ރައީސުސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުންވާ ވިސްނުންފުޅު ހާސިލްކުރުމަށް އިތުރުވެގެން ދިޔަ މުހިންމު ބޮޅެއް."
ރާއްޖޭގެ ކޮންމެ ރަށެއްގެ ވަށައިގެން ވެސް ކަނޑު އޮންނައިރު، އެތަނުގެ ބޭނުން ހިފައި އިގްތިސޯދު ފުޅާކުރުމަކީ ރައީސް މުއިއްޒުގެ ސަރުކާރުގެ މުހިންމު އެއް އަމާޒެވެ. ވަޒީރު ވަނީ މި މަސައްކަތް ކުރަމުންދާ އޭކާސް ކުންފުނީގެ ޓީމަށް އިތުރު ކާމިޔާބަށް އެދިވަޑައިގެންފައެވެ. އަދި މި ފަދަ މަސައްކަތްތަކުން ރާއްޖޭގެ އިގްތިސޯދީ ބިންގާ ވަރުގަދަވެގެންދާނެ ކަމަށް އުންމީދު ކުރެވޭ ކަމަށް ވިދާޅުވެފައެވެ.








