މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރުން ޤާނޫނީ ދާއިރާއިން އެންމެ ދަށްވެގެން ފުރަތަމަ ޑިގްރީ ޙާސިލްކުރަންޖެހޭ ގޮތަށް، ފަނޑިޔާރުންގެ ޤާނޫނަށް ގެނައި އިސްލާހުގެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފި އެވެ.
މި ބިލަކީ މިދިޔަ ހޯމަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާއިން ފާސްކުރި ބިލެކެވެ. މި ބިލު، ރައީސް ތަސްދީޤުކުރެއްވުމާއެކު މި ބިލު ޤާނޫނަކަށްވެ މިހާރު ވަނީ ޢަމަލުކުރަން ފަށައިފަ އެވެ.
މި ބިލުގައި ބުނެފައިވަނީ، މި އިސްލާހު ގާނޫނަށް ގެނެސް އަމަލު ކުރަން ފަށާއިރު ދަށުކޯޓުތަކުގެ ތެެރެއިން މެޖިސްޓްރޭޓް ކޯޓުތަކަށް އައްޔަންކޮށްފައިވާ ފަނޑިޔާރުންގެ ތެރެއިން އެންމެ ކުޑަމިނުން ޑިގްރީއެއް ހާސިލުކޮށްފައިނުވާ ފަނޑިޔާރުން، އެއް އަހަރު ދުވަހުގެ ތެރޭގައި ޑިގްރީ ޕްރޮގްރާމެއްގައި ބައިވެރިވާން ވާނެ ކަމަށެވެ. ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ގިނަވެގެން ފަސް އަހަރު ދުވަހުގެ ތެރޭގައި އެ ޕްރޮގްރާމް ފުރިހަމަކޮށް، ޑިގްރީ ހާސިލުކުރަންވާނެ ކަމަށްވެސް ބުނެފައިވެ އެވެ.
އަދި ޑިގްރީ ހާސިލުކުރުމުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެކަން ބެލުމަށްފަހު ޝަރުތު ހަމަވާ ކަމަށް ނިންމަން އެ ބިލް ލާޒިމްކުރެ އެވެ.
ނަމަވެސް އެ މުއްދަތުގައި މަޤުބޫލު އުޒުރެއްނެތި، ޑިގްރީ ޙާސިލްނުކުރާ ފަނޑިޔާރުންނަކީ ފަނޑިޔާރުކަމަށް ޝަރުތު ހަމަނުވާ ބައެއްކަމަށް ކަނޑައަޅައި، އެފަދަ ފަނޑިޔާރުން މަޤާމުން ވަކި ކުރަންވާނެ ކަމަށްވެސް އެ ބިލުގައި ބުނެފައިވެ އެވެ.








