އިސްލާމްދީނުގެ ހުދޫދުން ބޭރުނުވާ ގޮތަށް ކަންކަން ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
ރައީސް ކުރެއްވި އެކްސް ޕޯސްޓުގައި ވިދާޅުވީ ދިވެހި ފިލްމާއި މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގެ އަރިހުން އިސްލާމްދީނުގެ ހުދޫދުން ބޭރުނުވާ ގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް އެދިވަޑައިގަންނަވާކަމަށެވެ. ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމެއްކަމުން، ކޮންމެ ރައްޔިތަކު ވެސް އުފަލާއެކު އިސްލާމްދީނުގެ ގިއުގަނޑުގެ ތެރޭގައި އަމަލުތައް ބެހެއްޓުން މުހިންމު ކަމަށް ދެކެލައްވާކަަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މުސްލިމުންގެ ސަގާފަތާއި ހިލާފު ކަންކަމާ ދުރުވާންޖެހޭނެ ކަމަށާއި، ފިލްމާއި މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ވެސް މިކަމަށް ސަމާލުކަން ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މީގެ އިތުރުން ރައީސް ވަނީ ހެދިބޮޑުވަމުން އަންނަ ޖީލަށް އިސްލާމީ ސަގާފަތާއެއްގޮތަށް ހެޔޮ ނަމޫނާ ދައްކާ ބަޔަކަށް ވުމަކީ މި ގައުމަށްޓަކައި އަޅުގަނޑުމެންނަށް ކޮށްދެވޭނެ އެންމެ އަގުހުރި ހިދުމަތް ކަމަށް ވެސް ފާހަގަކުރައްވާފައެވެ. އެހެންކަމުން ދިވެހި މުޖުތަމަޢުގެ އަގުތަކާއި ހިލާފުނުވާނެ ގޮތަކަށް މަސައްކަތްކުރުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.
ރައީސް މިފަދައިން ވިދާޅުވެފައި މިވަނީ، ރޭ ބޭއްވި "ލިލީ" ފިލްމުގެ ޕްރިމިއާ ނައިޓަށް ފިރިހެނަކު ލައިގެން ދިޔަ ހެދުމަކާ ގުޅިގެން މުޖްތަމައުގެ ގިނަ ބަޔެއްގެ ނުރުހުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. އެ މީހާ ލައިގެން ހުރީ ކުރުތާ ޒާތުގެ ހެދުމެއް ކަމަށްވާއިރު، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ އެއީ "އަންހެނުން ލާ ވައްތަރުގެ ހެދުމެއް" ކަމަށް ބުނެ ފާޑުކިޔަމުންނެވެ.








