މުޅި ރާއްޖެއަށް ކުރިއަށް އޮތް ތިން ދުވަހަށް މޫސުން ގޯސްވާނެކަމަށް، މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ މުޅިރާއްޖެއަށް އާންމުގޮތެއްގައި ވައިބާރުވެ، ވިއްސާރަވެ، ކަނޑުތައް ގަދަވާނެކަމަށެވެ.
އެކަމާ ގުީގެން އެމްއެންޑީއެފުން ބުނީ ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރާ އިރު މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށާއި، ދަތުރުކުރާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ނިޒާމާއި، ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކްކުރުމަށާއި، މުދާ އުފުލާ އުޅަނދުފަހަރުން މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ އިތުރަށް ބަރު ނުކުރުމަށާއި އަދި ދޯނީގައި ލައިސަން ބެހެއްޓުމަށް އިލްތިމާސްކުރާ ކަމަށެވެ.
އަދި ރޭގަނޑު ދަތުރުކުރާ ނަމަ އިތުރަށް ސަމާލުވުމަށާއި، ޑައިވިން އަދި ވޯޓާ ސްޕޯޓްސް އިންތިޒާމުކުރާ ފަރާތްތަކުން ވެސް މޫސުމަށް ޚާއްޞަ ސަމާލުކަން ދިނުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
މީގެއިތުރުން އެމްއެންޑީއެފުން ވަނީ މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރު ނުކުރުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.








